ކާބުލްގެ ޕޮލިސް ސްޓޭޝަނެއް ކައިރީދިން ބާރުގަދަ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ ޕޮލިސް ސްޓޭޝަނެއް ކައިރީދިން ބާރުގަދަ ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުން ޒަހަމްވެއްޖެ އެވެ.

މި ހަމަލާ ދީފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު އެވެ. މި ހަމަލާގައި 95 މީހުން ޒަހަމްވެފައި ވާކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި މި ބޮން ގޮއްވާލައިފައި ވާކަމަށްވަނީ ޕޮލިސް ސްޓޭޝަން ކައިރިއަށް ވެހިކަލެއްގައި އައިސް އެވެހިކަލް ގޮއްވާލައިގެންނެވެ.

އަފްގާނިސްތާނުގެ ހެލްތް މިނިސްޓްރީގެ ތަރުޖަމާން ވަހީދުﷲ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިހަމަލާގައި ޒަހަމްވެގެން 95 މީހަކު ހޮސްޕިޓަލްތަކަށް ގެނެސްފައި ވާކަމަށާއި މީގެ ތެރޭގައި ގިނައީ އާމުން ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ ކަމަށް ވަހީދުﷲ ވިދާޅުވިއެވެ.

ތޯލިބާނުންވަނީ މިހަމަލާގެ ޒިންމާ ނަގައިފައެވެ. ތޯލިބާނުން މިހަމަލާ ދީފައިމިވަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު އަފްގާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބް ބޮއިކޮޓު ކޮށްފައިވާކަން އިއުލާން ކުރިތާ އެއްދުވަސް ފަހުންނެވެ.

ތޯލިބާނުންވަނީ އެއިންތިހާބުގެ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހަމަލާ ދޭނެކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާއިން އިސްވެ އޮވެ ހަނގުރާމަކޮށް އަފްގާނިސްތާނުގެ ވެރިކަމުން ތޯލިބާނުން ދުރުކުރިފަހުން ތޯލިބާނުގައި ހަމަޖެހުން ގާއިމް ވެފައެއް ނުވެއެވެ. އަދި އެމެރިކާއިން މިހާރުދަނީ އަފްގާނިސްތާނުގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ތޯލިބާނުންނާއި މަޝްވަރާކޮށް އަލިމަގެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް