ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ބާރަށު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައިފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ މާލެއިން ފުރައިގެން ބާރަށަށް ދަތުރުކުރަމުންދާ ބޯޓަކުން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމުންނެވެ. 16 ފެބުރުވަރީ 2019 ގައި ހިންގި މި އޮޕަރޭޝަންގައި، އެ ބޯޓުން ބޭލި ފޮށިގަނޑަކާއި ހަވަލުވާނެ މީހަކު ނައުމުން ފޮށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.
މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މިމައްސަލަ ހއ. ބާރަށު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގދ. ވާދޫ ޕޮލިސް ސްޓޭޝަނުން 14 ފެބުރުވަރީ 2019 ގައި ހިންގި އޮޕަރޭޝަނެއްގައިވެސް ވަނީ މަސްތުވާތަކެތި އަތުލައިގެންފައެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ވާދުއަށް ގާތްކުރި ފެރީއެއް ބަލައިފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ސެލޯފިންކޮޅާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ކޮޅު ވަނީ ފެނިފައިވެއެވެ.
މި މައްސަލަ އާއި ގުޅިގެންވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާއިރު، ގދ.ވާދޫ ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.