ކުޅުދުއްފުށީ ކުޅި - ފޮޓޯ: މިހާރު

ކުޅުދުއްފުށި ރޯހައުސްއަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި މާފަލު ހިޔާގެ ރޯހައުސްތަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގައިގެން ވިއްކާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން، މި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި 2019 އޮގަސްޓް 6 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސްއަށާއި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް މި މައްސަލަ ލިބުމާއި ގުޅިގެން، އިތުރަށް މަޢުލޫމާތު ސާފުކުރިއިރު މާފަލު ހިޔާގެ ޔުނިޓްއަކުން އަގުބޮޑު ސާމާނުތަކެއް ވަގަށް ނަގާފައިވާކަން ވަނީ އެނގިފައެވެ.

މި މައްސަލާގައި ތުހުމަތު ކުރެވޭ ދެ މީހަކު ކޯޓް އަމުރެއްގެ ދަށުން ރޭގެ ވަގުތެއްވަނީ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ވަގަށް ނެގި ތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ 28 އަހަރާއި 26 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދިއުމަށް 12 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި މައްސަލާގައި މިހާތަނަށް ކުރެވުނު މަސައްކަތުން މައްސަލައިގެ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމުގެ ތަފްޞީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ