މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންމަފުށީ ކައުންސިލަށް ލޯންޗެއް ހަދިޔާ ކޮށްފި

މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކ. އަތޮޅު ހިންމަފުށީ ކައުންސިލަށް ލޯންޗެއް ހަދިޔާ ކޮށްފި އެވެ.

އެކުންފުނިން ހަދިޔާ ކޯށްފައިވަނީ ގަލްފް ކްރާފްޓްގެ ޓުވަރިންގ 38 މޮޑަލްގެ ލޯންޗެކެވެ. އެ ލޯންޗް ހަދިޔާ ކޮށްފައިވަނީ ޖުލައި 05 ވަނަ ދުވަހުއެވެ.

މިލޯންޗާއި ހަވާލުވެފައިވަނީ އެކައުންސިލްގެ ރައީސް ޝާން އިބްރާޙިމެވެ. މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ފާހަގަ ކުރާ ގޮތުގައި މި ލޯންޗްގެ ސަބަބުން ކައުންސިލްގެ ހިންގުމަށް ކުރިއެރުން ލިބި ރަށުގެ ރައްޔިތުންނަށް މަންފާކުރާނެ ކަމަށް އުންމީދުކުރާކަމަށް ވަނީ ވިދާޅުވެފައެވެ. މިލޯންޗް ހަދިޔާ ކޮށްފައިވަނީ އިންޖީން އާއި ސަލާމަތީ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހުއެވެ.

މުސްތަގުބަލުގައިވެސް ހިންމަފުށީ ރައްޔިތުންނަށް މަންފާހުރި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި ލޯންޗަކީ އެރަށުގެ ބޯޓްޔާޑް ހިންގުމަށް އެރަށުން ކުއްޔަށް ނަގާފައިވާ ބިމުގެ އެއްބަސްވުމުގެ ދަށުން ސީ.އެސް.އާރ (ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ) ގެ ގޮތުގައި މެރިން އިކުއިޕްމަންޓްސް އިން ކައުންސިލަށް ހަދިޔާކޮށްފައިވާ ލޯންޗެކެވެ.

ކ. ހިންމަފުށީ ސިނާއީ ސަރަހައްދުގައި ބޯޓް ޔާޑެއް ތަރައްގީކޮށް ހިންގުމުގެ މަސައްކަތް އެ ކުންފުނިންއަންނަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ލޯންޗް ބަނުމުގެ އިތުރުން ލޯންޗް އަދި ދޯނިފަހަރު އެހެލާ މަރާމާތު ކުރުމާއި ސާވިސް ކުރުމުގެ ހިދުމަތްވެސް އެކުންފުނިން ފޯރުކޮށްދެއެވެ.

މެރިން އިކުއިޕްމަންޓްސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަނޑުއުޅަނދު ތަކުގައި ބޭނުންކުރާ މެރިން އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ