އުންމީދު

ޝިފްނީނަށް އެންމެ ފުރަތަމަ އޭނާ ފެނުނީ ބޮޑު ޢީދުގައި ރަށުގައި ޘަޤާފީ ކުޅިވަރު ކުޅެން އެހެން ރަށަކުން ގެނައި ގްރޫޕަކުންނެވެ. އޭނާއަކީ އެ ގްރޫޕްގެ މެނޭޖްމެންޓް ޓީމްގެ މެމްބަރެކެވެ. ފުރަތަމަ ނަޒަރުން ލޯބިވާ ވާހަކަ މީހުން ކިޔައި އުޅޭތީ ޝިފްނީންވެސް އަޑު އަހައެވެ. ނަމަވެސް އެއީ ޙަޤީޤަތުގައިވެސް ވެދާނޭ ކަމެއްކަން އެނގުނީ އޭނާ ފެނުނު ދުވަހުއެވެ. އޭނާގެ ނަމަކީ އިކާނެވެ. ބޭރުފުށުން ބަލާއިރު މާ ޚާއްޞަ ސިފަތަކެއް ލިބިފައި ނެތަސް ޝިފްނީން އެންމެ ގަޔާވީ އިކާންގެ އެހުންނަ ސިއްރުވެރި ބެލުމުގައެވެ. އޭނާގެ ކަނޑެއްފަދަ ފުން ދެ ލޮލުގައެވެ.

ޝިފްނީނަކީ ރަށު ސްކޫލް ޓީޗަރެކެވެ. އުމުރުން 23 އަހަރުވެފައިވާއިރު ޝިފްނީން އަދި އެއްވެސް ކުއްޖަކާ ރައްޓެހިވެފައެއް ނުވެއެވެ. ޝިފްނީންގެ އެންމެ ގާތް ހުރިހާ އެކުވެރިންހެން މިހާރު ތިބީ ޒަވާޖީ ޙަޔާތެއް ފަށައިގެންނެވެ. އެކަމާހުރެ، ޝިފްނީން މީހަކާ ނީނދެ ހުންނާތީ މަންމަ ހުންނަނީ އަބަދު ކުދި ކިޔާލަ ކިޔާލައެވެ. ޝިފްނީނަކީ މީހުންނާ ގުޅޭ، ވަރަށް ސަކަ މިޒާޖެއްގެ ކުއްޖެކެވެ. ކަންކަމުގައި މާ ބޮޑަށް ވިސްނާ ބޯ ގޮއްވުމަކީ ޝިފްނީންގެ ސިފައެއް ނޫނެވެ. ކުރަން ބޭނުން ކަމެއްނަމަ އޭނާ ހުއްޓާލަނީ އެކަމެއް ކޮށްފައެވެ.

އިކާނާ ގުޅުން ބަދަހިކުރަން ޝިފްނީން އެހީ ހޯދީ އޭނާގެ އެކުވެރި ޝިޔާޒްގެ ފަރާތުންނެވެ. ޝިޔާޒަކީ ރަށުގައި ޢީދު ކުޅިވަރު ރާވާ ހިންގާ ގްރޫޕްގެ މެމްބަރެކެވެ. ވަރަށް ފަސޭހައިން ޝިފްނީނަށް އިކާންގެ ނަންބަރު ލިބުނެވެ. އެހެންކަމުން ލަހެއް ފަހެއް ނުކޮށް އިކާނަށް ގުޅާ އޭނާގެ އެކުވެރިކަން ހާސިލްކުރިއެވެ. އިކާންއާ ގުޅުން ބަދަހިކުރުން ޝިފްނީން ހީކުރިހާ އުނދަގޫކަމަކަށް ނުވިއެވެ. އެހެންކަމުން ޝިފްނީން ބެލީ ޢީދު ނިމިގެން އިކާން އެނބުރި ދާންވާއިރަށް އޭނާގެ މަޤުޞަދު ހާސިލްކުރާށެވެ. އެ މަދު ދުވަސްކޮޅުގައި ދެކެވުނު ވާހަކައިން އިކާންގެ ޙަޔާތުގައިވެސް ލޯބިވެރިޔަކު ނެތްކަން ޝިފްނީނަށް އެނގުނެވެ.

ޢީދު ނިމިގެން އިކާން ރަށަށް ދިއުމުގެ ކުރިން ޝިފްނީން ލޯބި ހުށަހެޅިއެވެ. އަދި އިކާން އެކަން ޤަބޫލުވެސް ކުރިއެވެ. އިކާން ވީ ޝިފްނީންގެ ޢާއިލާ އެންމެންވެސް ބަލައިގަތް ކުއްޖަކަށެވެ. ޝިފްނީނަށްވުރެ އިކާން ތިން އަހަރު ބޮޑެވެ. އިކާން ބުނި ގޮތުން ނަމަ އޭނާގެ މަންމައާއި ބައްޕަ ވަނީ ވަކިވެފައެވެ. އޭނާއަކީ އޭނާގެ މަންމައާ ބައްޕަގެ ހުރި ހަމައެކަނި ދަރިއެވެ. ބައްޕައާއި އޭނާ ދޫކޮށްފައި މަންމަ އެހެން މީހެއް ދެކެ ލޯބިވެގެން އެމީހާ ކައިރިއަށް ދިޔަތާ އަދި ވީ ދެމަހެވެ. އިކާނަށް އޭނާގެ މަންމަ ދިޔަ ތަނެއްވެސް ނޭނގެއެވެ. ބައްޕަ ވަޒީފާގައި އުޅެނީ ރަށާއި ވަރަށް ދުރު ރިސޯޓެއްގައެވެ. މަންމަ ދިޔަ ފަހުން ބައްޕަ އެއްގޮތަކަށްވެސް ރަށަކަށް ނާދެއެވެ. އެހެންކަމުން އޭނާ އުޅެމުންދަނީ ވަރަށް އެކަނިވެރި ދިރިއުޅުމެކެވެ. މަންމަ ދިޔަ ފަހުން އެކަނި ހުރިހާ ކަމެއް ކުރަންޖެހޭތީ އިކާން ހުރީ ވަރަށް ބޮޑަށް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އެހެންކަމުން ދެމީހުންވެސް ބޭނުންވީ ލަސްތަކެއް ނުކޮށް ކައިވެނި ކުރާށެވެ.

ދިމާވިތާ އެއް މަސް ފަހުން ޝިފްނީނާއި އިކާންގެ ކައިވެނި ކުރެވުނެވެ. ކައިވެނި ކުރީ ޝިފްނީންގެ ރަށުގައެވެ. ކައިވެނި ކުރި ދުވަސް ނޫން އަނެއް ދުވަހު ދެމީހުން އިކާންގެ ރަށަށް ބަދަލުވިއެވެ. އިކާން ވަޒީފާ އަދާކުރަނީ ރަށު އިންޖީނުގޭގައެވެ. ކައިވެންޏަށްފަހު ޝިފްނީން ވަޒީފާއަކަށްދާކަށް އިކާން ބޭނުމެއް ނުވިއެވެ.

އިކާންމެންގެ ރަށަކީ ވަރަށް މަދު މީހުން އުޅޭ ރަށެކެވެ. ގެތައްވެސް ހުންނަނީ ވަރަށް ދުރުދުރުގައެވެ. އިކާންގެ ގެ ހުންނަނީ ރަށު ވަލާ ވަރަށް ކައިރީގައެވެ. އެގެއާއި ޖެހިގެން މީހުން އުޅޭ ގެއަކާއި ހަމައަށް އެންމެ އަވަހަށްވެސް ދެވެނީ ދިހަ މިނެޓް ހިނގާ ފަހުންނެވެ. ނަމަވެސް ޝިފްނީނަށް އެއްވެސް ކަމަކާ ހާސްވާކަށް ނުޖެހެއެވެ. ގެއަށް ބޭނުންވާ ހުރިހާ އެއްޗެއް އިކާން ހުންނަނީ ހޯދައިދީފައެވެ. އެއްޗެއް ނެތިގެން ޝިފްނީން ބުނަން ޖެހެނީ އެންމެ ފަހަރަކުއެވެ. އިކާން ވީ ޝިފްނީނަށް ވަރަށް އޯގާތެރި، އެހާމެ އަޅާލާ، ރަނގަޅު ފިރިޔަކަށެވެ. ކައިވެނިކޮށްގެން އައި ފަހުންވެސް އިކާންގެ ބައްޕަ ރަށަކަށް ނާދެއެވެ. އެގެއަކީ އިކާންގެ ޢާއިލާ މީހުންނާއި ރައްޓެހިންވެސް އައިސްގޮސްވާ ގެއެއް ނޫނެވެ. ނަމަވެސް މަދުވެގެން ހަފްތާއަކު އެއްފަހަރު، އިކާން އެރަށުގައި މިހާރު ދިރިއުޅޭ އޭނާގެ ހަމައެކަނި ޢާއިލާގެ މެމަބްރުކަމުގައިވާ ބައްޕަ ފަރާތު ބޮޑު ދައިތައާއި ބައްދަލުކުރަން، ޝިފްނީން ގޮވައިގެން ދެއެވެ. ބޮޑު ދައިތައަކީ އެއްފަޅި ވާގިނެތިފައިވާ މީހެކެވެ. ބޮޑުދައިތަ ބަލަނީ ބޮޑުދައިތަގެ ހަމައެކަނި ހުރި އަންހެން ދަރިފުޅެވެ. އިކާންގެ މަންމައަކީ އެރަށު މީހެއް ނޫންކަމުން މަންމަގެ ޢާއިލާގެ އެއްވެސް މީހެއް އެރަށަކު ނޫޅެއެވެ.

އިކާންގެ ގޭގައި ތިން ކޮޓަރި ހުރެއެވެ. ގެ ހުރީ އެންމެ ޒަމާނީ ފެންވަރަށް ހަދާ ފަހުގެ ފަރުނީޗަރުން ފުރިހަމަކޮށްފައެވެ. ގޭ ބޭރުގައި ކުޑަ ވަރެއްގެ ގުދަނެއް ހުރެއެވެ. ކައިވެނިކޮށްގެން ފުރަތަމަ އެގެއަށް އައި ދުވަހު ގޭގެ ހުރިހާ ކޮޓަރިއަކާއި ބޭރު ދޮރުގެ ތަޅުދަނޑިތައް އިކާން ޝިފްނީންއާ ޙަވާލުކުރިއެވެ. ނަމަވެސް ގުދަނުގެ ތަޅުދަނޑިއެއް ނުދެއެވެ. އިކާން ބުނި ގޮތުންނަމަ އެތާ ހުންނާނީ ބައްޕަ ގެންގުޅޭ ވަޑާމުގެ ސާމާނެވެ. އެތަނުގެ ތަޅުދަނޑި އޮންނަނީ ބައްޕަ އަތުގައި އެކަންޏެވެ.

ދުވަސްތައް މާޒީއާ އެކުވަމުންގޮސް ކައިވެންޏަށް އެއް މަސްވީއިރު ޝިފްނީނާއި އިކާންގެ ދިރިއުޅުން ދިޔައީ ވަރަށް އަމާންކޮށެވެ. އެއް ރެއެއްގެ ދަންވަރެވެ. ޝިފްނީނަށް ހޭލެވުނީ ފާޚާނާއަށް ދާން ޖެހިގެންނެވެ. ލޯ އުނގުޅަމުން ފާޚާނާއަށް ވަދެފައި ނުކުމެ އޮށޯންނަން ބަލާލިއިރު އެނދުގައި އިކާނެއް ނެތެވެ. ފޯނު ނަގާ ބަލާލިރު ގަޑިން މެންދަމުން އަލިވެ 2 ޖަހައިފިއެވެ. އެގަޑީގައި ކޮޓަރިން ބޭރަށް ނުކުންނަށް ނުކެރޭތީ އިކާންގެ ފޯނަށް ޝިފްނީން ގުޅިއެވެ. ނަމަވެސް ފޯން ރިންގްވާން ފެށީ އިކާން ބޯ އަޅާ ބާލިސް ދަށުންނެވެ. އެހެންކަމުން އިކާން އަންނާނެ އިރެއްގެ އިންތިޒާރުގައި ޝިފްނީން ވަގުތު ގުނަން ފެށިއެވެ. އެހެން އޮންނަތާ 15 މިނެޓް ފަހުން ވަރަށް މަޑުމަޑުން ދޮރު ހުޅުވާލާފައި އިކާން ވަނެވެ. ޝިފްނީން ހޭލާ އޮތް ތަން ފެނި އިކާން ކުޑަކޮށް ސިހޭ ގޮތް ވިއެވެ.

"މިގަޑީގަ ކޮންތާކުން ތިއައީ؟"

"މީ…… ފެން ބޮވައިގަނެގެން….. ފެންތަށްޓެއް ބޯލައިގެން" ކުޑަކޮށް މަޑުޖެހިލާފައި އިކާން ޖަވާބު ދިނެވެ.

"ޖަގު ފުރާ ފެން ހުއްޓައިތަ؟" ކޮޓަރި މޭޒުމަތީގައި ހުރި ފެން ޖަގަށް އިޝާރާތް ކުރަމުން ޝިފްނީން އަހާލިއެވެ.

"އެބުނާހެން… މަގޭ ލޮލުގަ އަޅައެއް ނުގަނޭ އެ ޖަގެއް. ދެން ކުޑަކޮށް ހޫނުވެފަ ހުރީމަ ވައި ޖައްސާލަންށާ އެކީ ނުކުމެލީ. އެބަ އަންނަން ގަޔަށް ފެން އަޅާލައިގެން." އެހެން ބުނުމަށްފަހު މަޑު ނުކޮށް އިކާން ގޮސް ފާޚާނާޔަށް ވަނެވެ. ޝިފްނީން ވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދައެވެ.

އޭގެ ހަފްތާއެއް ފަހެވެ. ނިދާފައި އޮވެފައި ޝިފްނީނަށް ހޭލެވުނީ ކޮޓަރި ދޮރު ލައްޕާ އަޑަށެވެ. އެނދުގެ އަނެއް ފަރާތް ބަލާލިއިރު އިކާނެއް ނެތެވެ. އެހެންކަމުން ޝިފްނީން މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ބޭރު ބަލާލިއެވެ. އޭރު ގޭ ބޭރު ދޮރު ލެއްޕޭތަން ޝިފްނީނަށް ފެނުނެވެ. އެމީހަކު ދާންވާއިރަށް ޝިފްނީން އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލާފައި ބޭރު ބަލާލިއެވެ. އެވަގުތު ވަށައިގެންވީ އަނދިރިކަމެވެ. ނަމަވެސް ބޭރު ގުދަނުގެ ދޮރު ހުޅުވާފައި އިކާން ވަތް ތަން ޝިފްނީނަށް ރީއްޗަށް ފެނުނެވެ. އެވަގުތު ޝިފްނީންގެ ހިތަށް އެތައް ސުވާލުތަކެއް ޖަމާވިއެވެ. ގުދަނުގެ ތަޅުދަނޑި އޮއްވާ ތަޅުދަނޑި ނެތޭ ކިޔާ އިކާން ދޮގު ހެދީ ކީއްވެބާއެވެ؟ އެތާ ބައްޕަގެ ވަޑާމުގެ ސާމާނު ހުންނައިރު ދަންވަރު އެތަނަށް ވަންނަނީ ކީއްކުރަންބާއެވެ؟ ދުވާލު އެތަނަށް ވަންނަތަނެއް މިވީހާތަނުގައި ޝިފްނާނަށް ފެނިފައެއް ނެތެވެ. އެހެންކަމުން އިކާން އެގޮތަށް ކަންތައް އެކުރަނީ ސިއްރެއް އޮތީމައިކަން ޝިފްނީނަށް ވިސްނުނެވެ. ސުވާލުކޮށްގެން އެދެވޭ ޖަވާބެއްވެސް ނުލިބޭނެކަން އެނގޭތީ ޝިފްނީން ނިންމީ އަމިއްލައަށް އެތަނަށް ވަދެ ޙަޤީޤަތް ހޯދާށެވެ.

އެރޭ އިކާން ކޮޓަރިއަށް އައީ ގާތްގަނޑަކަށް ބައި ގަޑިއިރު ފަހުންނެވެ. ޝިފްނީން އޮތީ ނިދާފައި ކަމަށް ހެދިގެންނެވެ. އެރޭވެސް އިކާން ވަތް ގޮތަށް ވަދެ ފާޚާނާޔަށް ވަދެ ފެން މާގަނޑު ދޫކޮށްލި އަޑު އިވުނެވެ. ކޮންމެއަކަސް އެ ގުދަނުގައި އިކާން ކުރާ ކަމެއް ބެލުމުގެ ޝައުޤުވެރިކަން ޝިފްނީންގެ ހިތުގައި އަށަގަތެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިވީ މަހެއްހާ ދުވަހުގެ ތެރޭގައި މި ނޫނީ އިކާންގެ ފަރާތުން ނުރަނގަޅު އެއްވެސް ސިފައެއް ޝިފްނީނަށް ފެނިފައެއް ނުވެއެވެ. ބަރާބަރަށް ނަމާދު ކުރެއެވެ. ޤުރުއާން ކިޔަވައެވެ. ޝިފްނީނަށް އަޅާލައެވެ. ގޭތެރޭގެ ހުރިހާ ކަމެއްގައި އެހީތެރިވެދެއެވެ. އަދާކުރަނީ ރަނގަޅު ވަޒީފާއެކެވެ. އިކާނަކީ ރަށުގެ ޒުވާނުންގެ ކޮމިޓީގެ އިސް މެމްބަރެކެވެ. އެހެންކަމުން ރަށުގައި ހިންގާ ހުރިހާ ކަމެއްގައި މީހުންނާއި ގުޅިގެން މަސައްކަތްކުރެއެވެ. އިކާންގެ ނުފެންނަ ފަރާތެއް އޮވެދާނެކަމަށް ހީކުރާނީ ކާކު ހެއްޔެވެ؟

އިކާންގެ ތަޅުދަނޑިފަތި އޮންނަނީ އަބަދުވެސް އޭނާގެ ޖީބުގައެވެ. ކުރިން އެކަހަލަ އެއްވެސް ކަމެއް ނުފެންނާތީ ޝިފްނީންވެސް އެހާވަރަކުން އިކާންގެ ކަންކަން ބަލައެއް ނުހަދައެވެ. ނަމަވެސް ދަންވަރު އިކާން މިކުރާ ކަމެއްގެ އަޑި ބެލުންވީ ޝިފްނީންގެ ނިދި ނަގާލި ކަމަކަށެވެ.

ޖެހިގެން އައި ރެއެވެ. އެރޭ ދަންވަރު އިކާނަށްވުރެ ކުރިން ތެދުވަން ޢަޒުމް ކަނޑައަޅައިގެން ޝިފްނީން މެންދުރު ގަޑީގައި ނިދިއެވެ. އަދި ޢިޝާ ނަމާދުން އިކާން އައުމުން ދެމީހުން ވާހަކަ ދައްކާލާ، ޓީވީ ބަލާލަން ތިބެފައި އާދައިގެ މަތިން 10 ޖެހުމުން ދޮރުތައް ތަޅުލާފައި ނިދަން އޮށޯތެވެ. އިކާނަކީ ވަރަށް ނިދި ދޫ މީހެކެވެ. ނަމަވެސް އޭނާއަށް ނިދި ޖެހޭއިރަށް ގުގުރި ދަމާ އަޑު އިވޭނެއެވެ. އެހެންކަމުން އެވަގުތުގެ އިންތިޒާރުގައި ޝިފްނީން ދެލޯ މަރާލައިގެން އޮތެވެ.

އެހެން އޮންނަތާ ބައި ގަޑިއިރެއްހާއިރު ފަހުން އިކާން ގުގުރި ދަމާ އަޑު އިވެން ފެށިއެވެ. ވަގުތު އައިސް ޖެހުނީކަން އެނގުމުން ޝިފްނީން މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި ދޮރުގައި އަޅުވާފައި ހުރި އިކާންގެ ފަޓުލޫނު ޖީބުން ތަޅުދަނޑިފަތި ނެގިއެވެ. އޭރު ޝިފްނީންގެ ހިތް ތެޅޭ އަޑު އަމިއްލަ ކަންފަތަށްވެސް އިވެއެވެ. ކޮންމެ ފިޔަވަޅެއް އަޅާފައި އިކާން ހޭލާތޯ އޭނާ ބަލާލައެވެ. ވީހާވެސް މަޑުމަޑުން ނުކުމެ ގޭ ދޮރޯށިން ނިކުމެވުމާއިއެކު އެއްވެސް ފަރާތަކަށް ނުބަލާ ދެ ލޯ މަރައިގެން ގުދަނާއި ދިމާއަށް ޝިފްނީން ދުއްވައިގަތެވެ. އަދި ތުރުތުރު އަޅާ އޮތް ދެ އަތުން ފޯނުން އަލި ކުރަމުން ގުދަން ހުޅުވާލިއެވެ. ތަނަށް އަލި ކުރާނެ ބޮތްކެއް އިންތޯ ބަލަން އެކި ދިމާއަށް އަލި ކުރަނިކޮށް ދޮރުކައިރި ފާރުގައި ހުރި ސްވިޗެއް ޝިފްނީންގެ ލޮލުގައި އަޅައިގަތެވެ. ބަލާކަށް ނުހުރެ އަވަހަށް އެ ސްވިޗަށް ޝިފްނީން ފިއްތާލުމާއެކު ތަނަށް ފަނޑު އަލިކަމެއް ވެރިވެގެން ދިޔައެވެ.

އެތަނުގައި ހުރީ އެކި ބާވަތްބާވަތުގެ ލަކުޑިކޮޅުކޮޅާއި، ކީސް ކުނޑިއާއި ވަޑާމުގެ ސާމާނެވެ. ތަރުތީބު ގެއްލިފައިވާ އެ ތަނުގައި އެއްވެސް އާދަޔާ ޚިލާފު އެއްޗެއް ހުރިތޯ ޝިފްނީން ހޯދަން ފެށިއެވެ. ދަންވަރު، ސިއްރުން އެތަނަށް އިކާން ވަންނަންޖެހޭ ކޮންމެވެސް ސަބަބެއް އޮންނާނެކަން ޝިފްނީނަށް ޔަޤީނެވެ. އެތަނުގައި އާދަޔާ ޚިލާފު ވަހެއް ހިފާފައި ހުއްޓެވެ. ނަމަވެސް ނުބައި ވަހަކާއި މީރުވަހެއް އެކުވެގެން އަންނާތީ އެއީ ސީދާ ކޮންވަހެއްކަން ދެނެގަންނާކަށް ޝިފްނީނަކަށް ނޭނގުނެވެ. ވަކިވަކިން އެކި އެއްޗެއްސަށް ބަލަމުން ދަނިކޮށް ކަނެއްގައި ބަހައްޓާފައި ހުރި ފޮށްޓެއް ޝިފްނީންގެ ލޮލުގައި އަޅައިގަތެވެ. އެ ފޮށި ވައްތަރީ ފިލްމުތަކުގައި ކްރިސްޓިއަނުން މަރުވުމުން ލާ ކަހަލަ ފޮށްޓަކާއެވެ. ޝިފްނީން އަވަސްއަވަހަށް ގޮސް އެ ފޮށީގެ މަތިގަނޑުގައި ހިފިއެވެ. ނަސީބަކުން ފޮށި ހުރީ ތަޅު ނުލައެވެ. އެ ފޮށި ހުޅުވާލުމާއިއެކު އެރި ނުބައި ވަހަކުން ބޮލަށް އެނބުރުން އަރައިގަނެގެން ޝިފްނީން ނުވެއްޓުނީ ކިރިޔާއެވެ. އޭގެ ތެރޭގައި ކަޅު ކޮތަޅަކަށްލާ އޮޅާލާފައި އެއްޗެއް އޮތްކަން އެނގުނެވެ. ޙަޤީޤަތް ހޯދަން ބޭނުންވާތީ ހިތްވަރު ކޮށްލާފައި ނޭފަތާއި އަނގަމަތީ އަތް އަޅައިގެން ޝިފްނީން އެ ކޮތަޅު ހުޅުވޭތޯ ބެލިއެވެ. މާބޮޑަށް ކޮތަޅު އޮޅާފައި ނެތުމުން ވަރަށް ފަސޭހައިން ކޮތަޅު ނިއުޅުނެވެ. އޭގެ ތެރެއިން ފެނުނު އެއްޗަކުން ޝިފްނީންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އޭގައި އޮތީ އަންހެނެއްގެ ގަބުރެވެ. އެއީ ގަބުރެއްކަން އެނގުމާއެކު ޝިފްނީނަށް ދެން ވީ ގޮތެއް ނޭނގުނެވެ. މޫނުމައްޗަށް އެނބުރުން އަރައިގަނެގެން އޭނާ ހުރިތަނަށް ވެއްޓުނެވެ.

ލޯ ހުޅުވާލެވުނުއިރު ޝިފްނީން އޮތީ ކޮޓަރި އެނދުމަތީގައެވެ. އޭރު ކައިރީގައި އިކާން އިނެވެ. އިކާންގެ މޫނު ހަމަ ފެނުމާއިއެކު ޝިފްނީނަށް ފުންމައިގެން ތެދުވެވުނެވެ. ޝިފްނީންގެ އެ ޙަރަކާތުން އިކާންވެސް ދިޔައީ ސިއްސައިގެންނެވެ.

"ޝިފޫ ހަމަޖެހިބަލަ…… ޕްލީޒް. އަހަރެން ވީ ގޮތް ކިޔާދޭނަމޭ…..ބިރު ނުގަނޭ." އޭރު އިކާން އިނީ ރޮވެން ކައިރިވެފައެވެ.

"އެއީ ކޮން ގަބުރެއް؟……. ކާކުގެ ގަބުރެއް؟ އޭތި ގުދަނުގަ ބާއްވާފަ އެއޮތީ ކީއްކުރަން؟" ބިރުން ތުރުތުރު އަޅާވަރުން ޝިފްނީންގެ އަޑު އައީ ވަރަށް މަޑުންނެވެ.

"އެއީ…………އެއީ…..އަހަރެންގެ މަންމަ" ވަރަށް ކޮށިކޮށް އިކާން ޖަވާބު ދިނެވެ.

"މަންމައޭ؟ އެކަމަކު އިކާން ބުނީމެއްނު މަންމަ ދިޔައީ ލޯބި ވެރިޔާއާ އެކީއޭ؟" ނޭވަޔަކަށްވެސް ނުހުއްޓާ ޝިފްނީން ސުވާލުތައް އަމުނާލިއެވެ.

"އާނ…އެއީ އަހަރެންގެ މަންމަ. އަހަންނަށް މަޢާފު ކުރޭ ޝިފްނީން. އަހަރެން މި ކިޔާދެނީ ކަންތައް ހިނގާ ދިޔަ ގޮތް." އެނދުން ތެދުވެ ޝިފްނީނަށް ފުރަގަސްދެމުން އިކާން ވާހަކަ ކުރިއަށްގެންދިޔައެވެ.

"ކުޑައިރުއްސުރެ ބައްޕައަކީ ވަޒީފާގައި ވަރަށް ބުރަކޮށްއުޅޭ މީހެއް. ބައްޕައަށް ރަށަށް އާދެވެނީ ވަރަށް މަދުން. އެހެންކަމުން އަހަންނާ މަންމަ އުޅެމުން އައީ ވަރަށް އެކަނިވެރި ދިރިއުޅުމެއް. ނަމަވެސް ބައްޕައަކީ ގޯސް މީހެއް ނޫން. ބައްޕަ މަސައްކަތްކުރީ އަހަންނާ މަންމައަށް ހަމަޖެހިލައިގެން އަރާމުގަ އުޅެވޭނެގޮތް މަގުފަހިކޮށްދޭން. އެހެން އުޅެނިކޮށް މިތާ ކައިރި ރިސޯޓަކުން ގެސްޓުން ގޮވައިގެން މިރަށަށް އަންނަ މީހަކަށް މަންމަ ހިތް ކީ. އެމީހާޔަށްވެސް މަންމަ ކަމުދިޔަ. ކުރިއަކުން މަންމަ އެމީހާ ގެޔަކަށް ނުގެނޭ. އެކަމަކު ފަހުން ގެޔަށް ގެނަސް، ކޮޓަރިއަށް ވައްދާކަންވެސް އަހަންނަށް އެނގެން ފެށި. އެމީހާއަކީ މިރަށު މީހެއް ނޫން. އެހެން އުޅެނިކޮށް މީގެ ހަތަރު މަސް ކުރިން އެއް ދުވަހު އަހަރެން އެއްޗެއް ހޯދަން މަންމަގެ ކޮޓަރިއަށް ވަތްއިރު މޭޒުމަތީގައި ގަނޑެއްގެ މަތީގައި ގަލަމެއް ބާއްވާފައި އޮއްވާ ފެނުނު. އޭރު މަންމަ ނެތް ގެޔަކު. އަހަރެން ގޮސް ބަލާލިއިރު އެއީ ބައްޕައަށް ލިޔެފައި އޮތް ސިޓީއެއް. އޭގައި މަންމަ ލިޔެފައި އޮތީ މަންމައަށް އެހެން މީހެއް ދެކެ ލޯބި ވެވިއްޖެކަމަށާ، އެމީހާޔާ އިންނަން ބޭނުންކަމުގަ. އެހެންކަމުން މަންމަ ވަރިކޮށްދޭން އެދިފަ އޮތީ. އަދި ވަރަށް އަވަހަށް އެމީހާޔާއެކު ފުރައިގެން ދާނެ ވާހަކަވެސް އޮތް….." އެހިސާބަށް ވާހަކަ ކުރިއަށް ގެންދިއުމަށްފަހު ކުޑަ އިރުކޮޅަކަށް އިކާން މަޑު ޖެހިލިއެވެ. އަދި އަނެއްކާވެސް ފެށިއެވެ.

"އެ ސިޓީ ފެނުމުން އަހަންނަށް ވީ ގޮތްވެސް ނޭނގުނު. ރުޅިއާ ހިތާމައިން މުޅި މީހާ ރޫރޫ އަޅަންފެށި. އެ ޙާލަތުގައި ހަދާނެ އެއްވެސް ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައި. އަހަރެންގެ މަންމަގެ ގޯސް ވާހަކަ އެއްވެސް މީހެއް ގާތުގައި ދައްކާކަށް އަހަންނެއް ބޭނުމެއް ނުވި. އަދި އަހަންނާ ބައްޕަ ދޫކޮށްފަ މަންމަ ދާކަށްވެސް އަހަންނަކަށް ނުރުހެވުނު… އަހަރެމެންނަށް ދެރައެއް ދީފައި އެ ފިރިހެން މީހާއަށް އުފަލެއް ލިބޭކަށްވެސް އަހަންނެއް ބޭނުމެއް ނުވި…." އެހިސާބަށް ވާހަކަ ދިޔައިރު އިކާންގެ އަޑުން ނަފުރަތާއި ހިތާމަ އެކުވެގެން އަންނަކަން ޝިފްނީނަށް އިޙްސާސްވިއެވެ. އިރު އިރުކޮޅާ އޭނާ ކަރުނަވެސް ފޮހެލައެވެ.

"މާ ގިނަ ގޮތް ގޮތަށް ވިސްނާކަށް އަހަންނެއް ނުހަދަން. އަހަންނަށް އެނގޭ އޭރު މަންމަޔަށް ވިސްނައިދިނުން އެއީ ބޭކާރު ކަމެއްކަން. މަންމަ ހުރީ ބައްޕަ ވަމުންދާ ޤުރުބާނީވެސް ނުފެންނަހާ ކަނުވެފަ. އެރޭ މަންމަ ނިދާފައި އޮއްވާ އަހަރެން ވަދެ މަންމަ މޫނުގައި ބާލީސް އެޅީ………. މަންމަ ވަރަށް ތެޅުނު. އެކަމަކު އެވަގުތު ޝައިޠާނާ ހުރީ އަހަރެންގެ ބޮލަށް މާ ގަދަޔަށް ސަވާރުވެފަ……މަންމަ ފަހު ނޭވާ ދޫކުރިކަން ޔަޤީންވުމުން އަހަރެން މަންމަގެ ފޯނުން އެމީހާޔަށް މެސެޖު ކުރިން. މަންމަ ހުރީ ކޮންވަޒޭޝަންތައް ފޮހެ ނުލާ. އެހެންވެ ނަންބަރު ހޯދާކަށް އަހަންނަށް އުނދަގޫ ކަމަކަށް ނުވި. މެސެޖުގައި އަހަރެން ލިޔުނީ މަންމައަށް މަޢާފު ކުރުމަށާއި މަންމަ ވަރަށް ވިސްނުމަށްފަހު ދަރިފުޅާއި ފިރިމީހާ ދޫކޮށްލާފައި ނުދާން ނިންމި ކަމުގަ. އަދި މަންމަ ހޯދަން އައިސްގެން ނުވާނެކަމަށްވެސް ލިޔުނިން. އަދި ވަގުތުން މަންމަގެ ފޯނު ނިއްވާލިން. އޭގެ އަނެއް ދުވަހު އަހަރެން ބައްޕައަށް ގުޅާފައި މަންމަގެ ސިޓީގެ ވާހަކަ ބުނެ، އޭގެ ފޮޓޯއެއް ފޮނުވިން. މަންމަގެ ވާހަކަ މީހަކު އެހިޔަސް އަހަރެން ބުނަން ދިޔަ ތަނެއް ނޭނގެއޭ. އެ ފަހުން ބައްޕަ ރަށަށް ނާންނަންފެށީ. އެކަމަކު ބައްޕަ އަހަންނަށް ގުޅާ ޙާލު ބަލާ ހަދާ…" އޭރު އިކާންގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ. އަދި މަޑުމަޑުން ޝިފްނީންގެ ކައިރިއަށް އައިސް އިށީނެވެ. އޭރު ޝިފްނީން ބިރުން ތުރުތުރު އަޅައެވެ.

"އަހަންނަށް އެނގޭ މި ކުރެވުނީ ވަރަށް ބޮޑު ފާފައެއްކަން. އަހަރެން ބޭނުން ތައުބާ ވާން. ޖަލަށް ގޮސްގެން އަދި ދީނުގައި އަންގަވާފައި އޮތް ހުރިހާ ކަމެއްކޮށްގެން ވިޔަސް އަހަރެން ބޭނުމީ މި ކުށަށް ތައުބާވާން. ޝިފްނީން އަހަންނަށް އެހީވެދީ. އަހަރެން ކޮންމެ ރެއަކު އެތަނަށް ވަދެ އިނދެގެން ރޮން. މަންމަ ކައިރިންނާ ހެއްދެވި ފަރާތުން އެތައް ހާސް ފަހަރަކު މަޢާފަށް އެދެން. އެރޭ އަހަންނަށްވީ ގޮތެއްވެސް ނޭނގެ." ޝިފްނީންގެ އުނގުގައި ބޯ އަޅައިގެން އޮވެ ކުޑަކުއްޖަކު ފަދައިން އިކާން ރޮމުން ގެންދިޔައެވެ.

މިއަދު ޝިފްނީން އައިސް އެހުރީ އިކާންއާ ބައްދަލުކުރަން ދޫނިދޫ ޖަލުގައެވެ. އިންސާނަކަށް ވީތީ އިކާނަށްވެސް ކުށެއް ކުރެވުނީއެވެ. އޭނާއަކީ ގޯސް މީހެއް ނޫނެވެ.

ޝިފްނީން ބަނޑުބޮޑުކަން އެނގުނީ އިކާން ޖަލަށް ގެނައިތާ ދެ ހަފްތާ ފަހުންނެވެ. މިހާރު ދަރިފުޅުގެ އުމުރުން ދެ އަހަރެވެ. ޝިފްނީން މިހާރު ދިރިއުޅެމުންދަނީ އޭނާގެ މައިންބަފައިން ކައިރީގައެވެ. އިކާންގެ ބައްޕަވެސް ދަރިފުޅުގެ ޙާލު ބަލަން އާދެއެވެ. ދަރިފުޅަށް ބޭނުންވާ ހުރިހާ ޚަރަދެއް ކުރަނީ އިކާންގެ ބައްޕައެވެ. އަދިވެސް ޝިފްނީން އިންތިޒާރުކުރަމުން އެދަނީ އިކާން އެނބުރި އަންނާނެ ދުވަހަކަށެވެ. އޭނާ އެކަމަށްޓަކައި ހެއްދެވި ފަރާތުގެ ޙަޟްރަތުގައި ކޮންމެ ނަމާދެއްގެ ފަހުގައި އާދޭހާއިއެކު ދަންނަވައެވެ. ޝިފްނީން ގޮސް އިކާނަށް ދަރިފުޅުގެ ފޮޓޯ ދައްކާލިއެވެ. އެއީ އެދެމީހުންގެވެސް ދިރިތިބުމުގެ އުއްމީދެވެ. އަދި އިންތިޒާރުކުރުމަށް ލިބިފައިވާ ހިތްވަރެވެ. ފޮޓޮއަށް ބަލަން ތިބެ ދެމީހުން އެކުގައި ހިނިތުން ވެލާފައި ލޮލުން ކަރުނަ ފޮހެލިއެވެ.

ނިމުނީ

މިލިޔުން ކިޔާލުމުން
202
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Angel

    woow. varah reethi vaahaka. story thereyah hama ekah vadhevifa meenee. sifa kurun varah reethi. .

  2. Ikaan

    Wow. Sarah thafaathu. Thanks mihaa thafaath koh vaahaka genes dheythyve

  3. ީއަލީ

    ސަމާގެ ވާހަކަތައް ވަރަށް ކަމުދޭ… ވަރަށް ރީތީ، އަދި ވަރަށް ފުރިހަމަ….. ♥️

  4. ♥️ DhonKanbulow ♥️

    Wooww ♥️♥️
    Varah reethi vaahaka eh

  5. Beybe

    Saabahey samaa. Thiyaee hama enme best. Varah reethi vaahaka eh

    2
    1
  6. ވަރުން ދަވަން

    ވާ ވަރަށް ރީތި ކުރުވާހަކައެއް ސަޅި!!!!!!

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ