ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް އަޙްމަދާއި ފެމެލީ ކޯޓްގެ އިސްގާޟީ ޙަސަން ސަޢީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 52 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީ އިން ވިދާޅުވީ، ކ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައަމަދު ރާޣިބު އަޙްމަދުއާއި ގުޅޭގޮތުން އެކޮމިޝަނުން ބަލަމުންދިޔަ ނަންބަރު 16/2016 ޝަކުވާ ބެލި ބެލުމުން އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ފެމިލީ ކޯޓުގެ އިސްގާޟީ އަލްއުސްތާޛު ޙަސަން ސަޢީދުއާއި ގުޅޭގޮތުން އެކޮމިޝަނުން ބަލަމުންދިޔަ ނަންބަރު 10/2016 އާއި 11/2016 ޝަކުވާ ބެލި ބެލުމުން ސާބިތުވާކަމަށްވެސް މިއަދު ޖޭއެސްސީއިން ވަނީ ނިންމާފައެެވެ.
ޖޭއެސްސީ އިން މީޑިއާއަށް ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކުރާ، ތަޙްޤީޤު ރިޕޯޓަށް ޖަވާބުދާރީވުމުގެ 30 ދުވަހުގެ މުއްދަތު މި ދެބޭފުޅުންނަށްވެސް ދިނުމަށް މިއަދު އެކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މި ދެބޭފުޅުންނާ ގުޅިގެން ހުށަހެޅުނު ޝަކުވާތައް ސާބިތުވާކަމަށް ނިންމައި، އެ ދެބޭފުޅުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްވެސް މިއަދު ޖޭއެސްސީ އިން ވަނީ ނިންމާފައެވެ.
މި މުހިންމު ނިންމުންތައް ނިންމެވި ޖޭއެސްސީގެ 52 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ކޮމިޝަނުގެ އިތުރު ހަތް މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.
ޖޭއެސްސީ އިން މިއަދު ނިންމެވި އިތުރު މުހިންމު ނިންމުންތަކުގެ ތެރޭގައި، ރ.މާކުރަތު ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން ގޭގައި މަޑުކޮށްލަން އެނގުމާއި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ މައްސަލައެއް ބަލަން ފެށުންވެސް ހިމެނެއެވެ.
ހިޔާލު
ވަރައްވެސް މުހިންމު ނިންމުމެއް. ތިރާޣިބު ކަނޑާލަން މާ ބޮޑަށްވެސް ލަސްވެއްޖެ….!
ކޮމެންޓް ކުރުން ބަންދު