މާކުރަތު މެޖިސްޓްރޭޓް އަދްނާން ގޭގައި މަޑުކުރަން ޖުޑީސަލް ސާރވިސް ކޮމިޝަން (ޖޭއެސްއީ) އަންގައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 52 ވަނަ ބައްދަލުވުމުގައެވެ.
ރ.މާކުރަތު ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން ގޭގައި މަޑުކޮށްލަން އަންގާފައިވަނީ، އޭނާގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ ނަންބަރު 39/2019 ޝަކުވާގެ ތަޙްޤީޤު ވަކިގޮތަކަށް ނިމެންދެނެވެ.
މި މުހިންމު ނިންމުން ނިންމެވި ޖޭއެސްސީގެ 52 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ކޮމިޝަނުގެ އިތުރު ހަތް މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.
ރ.މާކުރަތު ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަދުނާން ޙުސައިން ގޭގައި މަޑުކޮށްލަން އެންގެވިއިރު، ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފްގެ ޙާޟިރީގައި މައްސަލަތަކެއް އުޅޭކަމަށްބުނާ މައްސަލައެއް ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވަން ނިންމާފައެވެ.
ޖޭއެސްސީ އިން މިއަދު ނިންމެވި އިތުރު މުހިންމު ނިންމުންތަކުގެ ތެރޭގައި، ކ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުޙައްމަދު ރާޣިބް އަޙްމަދާއި ފެމެލީ ކޯޓްގެ އިސްގާޟީ ޙަސަން ސަޢީދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުމާއި، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ މައްސަލައެއް ބަލަން ފެށުންވެސް ހިމެނެއެވެ.




