ހައިކޯޓުގެ ފަނޑިޔާރު ސަހީދުގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑީސަލް ސާރވިސް ކޮމިޝަން (ޖޭއެސްއީ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 52 ވަނަ ބައްދަލުވުމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުއާ ބެހޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ ޝަކުވާއެއް ބެލުމަށް ނިންމިކަން ހާމަކުރެއްވި ނަމަވެސް، އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ޖޭއެސްސީ އިން ނުދެއްވައެވެ.
މި މުހިންމު ނިންމުން ނިންމެވި ޖޭއެސްސީގެ 52 ވަނަ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޢަރީފެވެ. އަދި ކޮމިޝަނުގެ އިތުރު ހަތް މެންބަރުން މި ބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދުގެ މައްސަލައެއް ބަލާކަން ޖޭއެސްސީ އިން ހާމަކުރެއްވިއިރު، ލ.މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޢަލީ ޝަރީފްގެ ޙާޟިރީގައި މައްސަލަތަކެއް އުޅޭކަމަށްބުނާ މައްސަލައެއް ވަނީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވަން ނިންމާފައެވެ.
ޖޭއެސްސީ އިން ގެންދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އަދި ހައިކޯޓުގެ ފަނޑިޔާރުންވެސް ހިމެނޭހެން ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ގާޟީން އަދި މެޖިސްޓްރޭޓުންގެ މައްސަލަތަކެއް ބަލަމުންނެވެ.