އީދު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ބޮޑު އީދު ދުވަހު ހަވީރު މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް  ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، 1440 ވަނަ އަހަރުގެ އަޟްހާ އީދު ދުވަސް ފާހަގަކުރުމުގެ މުނާސަބަތާއި ގުޅިގެން މިހިނގާ އޮގަސްޓްމަހުގެ 11 ވަނަ ދުވަހުގެ ހަވީރު 04:30ން ފެށިގެން އެދުވަހުގެ ހަވީރު 06:30ށް މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއް ކަމުގައި ހަމަޖައްސައިފި ކަމަށެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، މިގޮތަށް ހަމަޖައްސަންޖެހުނީ މާލޭ ސިޓީ އަކީ ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅެމުންދާ، ކާރޫބާރުބޮޑު ސިޓީއަކަށްވާތީ ހިތްހަމަޖެހިގެން އުފާފާޅުކުރުމުގެ ގޮތުން މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅުމަށް މީގެ ކުރިންވެސް ކައުންސިލުން އެކިއެކި ދުވަސްތައް ފާހަގަ ކުރުމުގެ ގޮތުން ވެހިކަލް ދުއްވުން މަނާކުރުމުން ރައްޔިތުންގެ ބޮޑު ތާއީދެއް މިކަމަށް ލިބިފައި ވާތީވެ ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ހަމައެކަނި ދީފައިވާ ވެހިކަލް ތަކަކީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްސަ ކުރެވިފައިވާ ސައިކަލް، އަދި ޕަބްލިކް ޓްރާންސްޕޯޓް ދިނުމަށް ބޭނުންކުރާ ބަހެވެ.

މިނޫން އެހެނިހެން އުޅަނދުތައް ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން މަނާ ކަމެއް ކަމަށާއި އެ ގާނޫނާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިއުލާނުގައި ވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް