ރެއަލްމެޑްރިޑާއި ދާދިފަހުން ގުޅުނު ބެލްޖިއަމްގެ އެޑެން ހަޒާޑު ރެއަލްމެޑްރިޑް ޖާޒީގައި ކާމިޔާބުކޮށްދިން ފުރަތަމަ ގޯލާއެކު އޭނާއަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއްޖެއެވެ.
ރެއަލްމެޑްރިޑް ޖާޒީގައި ހަޒާޑުޖެހި ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ ރޭ ރެޑްބުލްއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗު ރެއަލްމެޑްރިޑް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 19 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ރެއަލްމެޑްރިޑްގެ ކައުންޓާ އެޓޭކެއްގައި އަރާ އެއްޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ޕެނަލްޓީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލް ތެރެއަށް އޮޅާލި ހިތްގައިމު ލަނޑެލެވެ.

ޗެލްސީ ދޫކޮށް މިހޫނު މޫސުމުގެ ޓްރާންސްފާގައި ހަޒާޑު ރެއަލްމެޑްރިޑާއި ގުޅުނީ 100 މިލިއަން ޔޫރޯއަށެވެ.
"މިދިޔަ ފަސް މެޗުގައިވެސް އިންތިޒާރުކުރަމުން އައީ މިވަގުތަށް. މިއަދު ލަނޑެއް ޖެހުމުން ވަރަށް ހިތްހަމަޖެހިއްޖެ" ހަޒާޑު ބުންޏެވެ.
މީގެއިތުރުން ހަޒާޑު ބުނީ ފޯވާޑަށް ކުޅެމުން އަންނައިރު ބޭނުންވާނީ ލަނޑު ކާމިޔާބުކޮށްދޭންކަމަށާއި، ރެއަލްމެޑްރިޑް ޖާޒީގައި ރަނގަޅު ކެރިއަރަކަށް އުންމީދުކުރުމާއެކު، ކްލަބު ހުރިހާ ކުޅުންތެރިންނަށްވެސް އެހީތެރިވާން ބޭނުންކަމަށްވެސް ހަޒާޑުވަނީ ބުނެފައެވެ.
ލަލީގާ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު، ލަލީގާގެ ކުރިން ރެއަލްމެޑްރިޑުން އެކުވެރިކަމުގެ އެއްމެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އަންނަ އާދިއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ރެއަލްމެޑްރިޑް ނުކުންނާނީ އިޓަލީގެ ރޯމާއާ ދެކޮޅަށެވެ.