ކުރިއަށް އޮތް އަޟްޙާ ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެތީ ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހަ ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ޢީދު ބަންދާ ދިމާކޮށް ރަށްރަށަށް ފުރައިގެންދާ ފަރާތްތަކަށް، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަޅުތައް ބުނެދީ ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި މޭޒުތައް ބަހައްޓައިގެން މަޢުލޫމާތު ދިނުމާއި މާލެއިން ފުރާ ކަނޑު އުޅަނދުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
"ފައިސާއާއި އަގުހުރި މުދަލާއި ތަކެތި ދޫކޮށްފައި ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި އަމިއްލަ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތަކާއި، މިހާރަކަށް އައިސް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެފަދަ މުދަލާމެދު ސަމާލުވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްވަނީ ހަމަޖަހިފައި." ފުލުހުން ވިދާޅުވިއެވެ.
މީގެއިތުރުން ސައިކަލުފަދަ މުދާ އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި އޮޑިދޯނިފަހަރުގެ ވެރީން ސަމާލުކަންދީގެން ބަލަންޖެހޭ ކަންކަން ބެލުމަށް ނަސޭހަތްތެރި ވުމާއި، ތަފާތު މުހިންމު މަޢުލޫމާތުތައް ހިމެނޭ ލުއިފޮތާއި ޕޯސްޓަރުފަދަ ތަކެތި ފޯރުކޮށްދިނުމަށްވެސްވަނީ ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.