މިނިސްޓަރ އައިޝަތު ޢަލީ ނޫސްވެރިންގެ ބައްދަލުވުމެއްގައި - ފޮޓޯ: ސަން

މިއަހަރުގެ 40 މަޝްރޫއުގެ ތެރެއިން 13 މަޝްރޫއު ހަވާލުކޮށްފިން - މިނިސްޓްރީ

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ އުމްރާނީ ވަސީލްތްރައް ވަރުގަދަކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ 40 މަޝްރޫއުގެ ތެރެއިން 13 މަޝްރޫއެއް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓަރުވެސް ބައިވެރިވެވަޑައިގެންނެވި އެމިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރު އަޙްމަދު ރިޔާޒް ވިދާޅުވީ، ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ލިބިފައިވަނީ 246 މިލިއަން ރުފިޔާ ކަމަށެވެ.

އެ މިނިސްޓްރީން ހިންގުމަށް ހަމަޖެހިފައިވާ 40 މަޝްރޫއުގެ ތެރެއިން 37 މަޝްރޫއަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ މަޝްރޫއުތަކަށްވާއިރު، ބާކީ ތިން މަޝްރޫއަކީ އަވަށްޓެރި އިންޑިއާގެ ހިލޭ އެހީގައި ހިންގާ މަޝްރޫއުތަކެކެވެ.

މިއަހަރު ދިވެހި ސަރުކާރުން ތަޢުލީމީ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި، 253 ކްލާސްރޫމް އެޅުމާއި، 22 މަލްޓިޕާޕޯސް ހޯލް އެޅުމާއި، 16 ސްޓާފްރޫމް އަދި 4 ލައިބްރަރީއާއި 15 ސައިންސް ލެބް އެޅުން ހިމެނެއެވެ.

އަދި 362 ދަރިވަރުންގެ ފާހާނާ އިމާރާތްކުރާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްޞަކޮށްގެން 45 ފާހާނާ އެޅުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 215 އެހެނިހެން އުމްރާނީ ވަސީލަތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރިޔާޒް މިއަދު ވިދާޅުވިއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، މި މަޝްރޫއުތަކުގެ ތެރެއިން 13 މަޝްރޫއެއް މިހާތަނަށް އައިއިރު ކޮންޓްރެކްޓަރުންނާ ހަވާލުކުރެވިފައިވާ ކަމަށާއި، އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އޮގަސްޓް މަހުގެ ނިޔަލަށް ފެށިގެންދާނެ ކަމަށެވެ.

ބާރު ސްޕީޑްގައި އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކޮށް އެ މިނިސްޓްރީން ވިދާޅުވީ، ބާކީހުރި މަޝްރޫއުތަކުގެ ތެރެއިން 8 މަޝްރޫއުއެއްގެ ކުރެހުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ މަޝްރޫއުތައް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ތަޢުލީމީ ދާއިރާގެ ޖުމްލަ 40 މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މާލެ ސަރަހައްދުގައި އިތުރު ސެ ސްކޫލް އެޅުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. އެ މަސައްކަތުގެ ޑިޒައިންގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް މިއަދު އެމިނިސްޓްރީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް