އަރަފާތު ދުވަހުގެ ރޯދަ ހިފުމީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކުދި ފާފަ ފުހެވޭ ކަމެއް ކަމުގައި ޚުތުބާގައި ވިދާޅުވެއްޖެއެވެ.
މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހެވެ. އެދުވަހު ޙައްޖު ބިމަށް ޖަމާވެފައި ތިބޭ ޙައްޖުވެރިންގެ ފާފަތަށް މާތް ﷲ ފުއްސަވައިދެއްވައެވެ. އެއީ ފާފަ ފުއްސެވުމާއި އަފޫކުރެއްވުމުގެ ދުވަހެވެ. ނަރަކައިން ދިންނަވާ މުއްތި ކުރެއްވުމުގެ ދުވަހެވެ. ރަސޫލުﷲ صلى اللّه عليه وسلم ހަދީޘް ކުރައްވާފައި ވެއެވެ. "ޢަރަފާތު ދުވަހަށްވުރެ ގިނައިން އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖު ކުރައްވާ ދުވަހެއް ނުވެއެވެ."
އަރަފާތު ދުވަހުގެ ރޯދަ ހިފުމަކީ އިސްވެ ދިޔަ އަހަރާއި، އަންނަން އޮތް އަހަރުގެ ފާފަފުއްސަވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސާވާނޭ ކަމެއް" ކަމުގައި ރަސޫލުﷲ صلى اللّه عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.
މާތް ﷲ ގެ އޯގާވަންތަ ކަމާއި ތަނަވަސް ރަޙުމަތުން ޙައްޖުގެ އަޅުކަން އަދާކުރުމުގެ ނަޞީބު ނުލިބޭ މީހުންވެސް މި ދުވަހުގެ ޘަވާބުން މަޙުރޫމެއްނުވެއެވެ. ޙައްޖަށް ދިއުމުގެ ނަޞީބު ނުލިބޭ މީހުންވެސް ޢަރަފާތު ދުވަހުގެ ރޯދަ ހިފުން މޮޅު އިތުރުވެގެން ވެއެވެ.
އަދިވެސް އެކަލޭގެ ފާނު ހަދީޘް ކުރައްވާފައި ވެއެވެ. "ހެޔޮ ޢަމަލުކުރުމަށް، މި ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ." ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކަށްވުރެވެސް ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް މާތްކަމުގެ ގޮތުން އިތުރު ވެގެން ވެއެވެ. ނަމަވެސް ރޭތަކުގެ ތެރެއިން، ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ޙައްޖު މަހުގެ ފުރަތަމަ ދިހައިގެ ރޭތަކަށްވުރެ މާތްވެގެން ވެއެވެ.
ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގައި ހިމެނޭ އެންމެ މުޙިއްމު ރުކުން އަދާކުރާ ދުވަހެވެ. އެއީ އެންމެހައި ޙައްޖުވެރިން ޢަފަރާތުގައި ތިބެ ﷲ ތަޢާލާގެ ރަޙުމަތާއި މަޣްފިރަތާއި ދިންނެވުމަށް އެދި ދުޢާކުރާ ދުވަހެވެ. އެދުވަހު ﷲ ތަޢާލާ ދުނިޔޭގެ އުޑަށް ތަޖައްލީވެ ވޮޑިގެން، އުޑުގެ އަހުލުވެރިންގެ ގާތުގައި ބިމުގެ އަހުލުވެރިންނާއި މެދުގައި ފަޚުރުވެރިވެ ވޮޑިގަންނަވާނެ ކަމުގައި ރަސޫލުﷲ صلى اللّه عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.
މިއަހަރުގެ ޙައްޖު ދުވަހަކީ މާދަމާއެވެ. މި ދުވަހުގެ އެންމެހާ ހެޔޮކަމަކާއި، ޘަވާބާ ދަރުމަ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަކަށް ނަސޭހަތްތެރިވަމެވެ.