ގަޑިންގަޑިއަށް ނަމާދު ކުރާ ބިލިއަނަރުންވެސް އެބައުޅޭ، ވީއިރު ތިބާއަށް ނަމާދު ނުކުރެވެންވީ ސަބަބެއް ނެތް

ނަމާދަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވަގުތު ކަނޑައެޅިގެން މާތްﷲ ފަރުޟު ކުރައްވާފައިވާ ފަރުޟެކެވެ. މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށް ނަމާދު ކުރުމަކީ އެމީހަކަށް ﷲ ގެ ރުއްސެވުމާއި، ދުނިޔެވީ ހަޔާތުގެ ކާމިޔާބުތަކާއި، އޭގެ އިތުރުން ޢުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ މޮޅު އެއް ޢަމަލެވެ.

ނަމާދަކީ އިންސާނާގެ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި ގުޅިފައިވާ ކަމެކެވެ. މީގެ އިތުރުން ނަމާދުން އާޚިރަތުގެ ބާއްޖަވެރިކަން ލިބުމުގެ އިތުރުން ދުނިޔެވީ އެތައް ފައިދާއެއްވެސް ލިއްބައިދެއެވެ.

ނަމާދަކީ ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ޢަމަލެވެ. އިސްލާމް ދީނުގެ ހިދާޔަތު ލިބުމަށްފަހު އެންމެ އިސްކަމެއް ދޭން ޖެހޭ ޢަމަލަކީ ނަމާދެވެ. ނަމާދުގެ މުޙިންމުކަމާއި، ނަމާދުން ލިއްބައިދޭ ގިނަފުނަ ފައިދާތަކާއި، އިސްލާމް ދީނުގައި ނަމާދަށް ދެވިފައިވާ އަހައްމިއްޔަތާ ގުޅިގެން އެތައް އާޔަތަކާއި، ރަސޫލާގެ އެތައް ޙަދީޘް ފުޅެއްވަނީ އައިސްފައެވެ.

ނަމާދަށް ފަރުވާ ކުޑަކުރުމާއި ނަމާދު އެޅުމުގެ ނުބައި ކަމާއި، އޭގެ ބިރުވެރިކަން ހުރީ މި އާޔަތްތަކާއި، ޙަދީޘް ފުޅުތަކުން ސާބިތުވާށެވެ.

ކަން މިހެން ހުރުމާއެކު އިންސާނާއަށް ވަރަށް ބޮޑަށް ފަރުވާ ކުޑަކުރެވޭ ޢަމަލެއް ކަމުގައި ގިނަ ފަހަރު އޮންނަނީ ނަމާދު ވެފައެވެ. މަސައްކަތުގެ މަހައުލުގެ ބިޒީ ކަމާހުރެ ނަމާދު އެޅުން ވަނީ އާންމުކަމަކަށްވެފައެވެ. އަދި އެހެންވެސް ދުނިޔެވީ ޢަމަލުތަކާއި ކުޅިވަރުގައި ޖެހި ނަމާދު އަޅާ މީހުންވެސް މަދެއް ނޫނެވެ.

ޝެއިޙް ޒައިދު މިވަނީ މިފަދަ ފަރާތްތަކަށް ވަރަށް އަގު ހުރި ހެޔޮ ނަޞޭޙަތްކޮޅެއް ދެއްވާފައެވެ. ޝެއިޙް ވިދާޅުވެފައިވަނީ މާތް ﷲ ވަނީ ކޮންމެ ނަމާދަކަށް ވަކި ޓައިމް ޕީރިއަޑެއް ކަނޑައަޅުއްވާފައިކަމަށާއި، ތިބާ ދުނިޔެވީ މަސައްކަތް ކުރަމުންވެސް މި ޓައިމް ޕީރިއަޑްގެ ތެރޭގައި ނަމާދު ކުރެވޭނެ ކަމުގައެވެ.

މީގެ އިތުރުން ޝެއިޙް ވިދާޅުވެފައިވަނީ ގަޑިން ގަޑިއަށް ނަމާދުކުރާ މުސްލިމް ބިލިއަނަރުން ވެސް ދުނިޔޭގައި އެބަ އުޅޭ ކަމަށާއި، ވީއިރު ތިބާއަށްވެސް މަސައްކަތުގައި އުޅުނު ކަމުގައި ވީނަމަވެސް ނަމާދު ނުކުރެވެންވީ ސަބަބެއް ނެތްކަމަށެވެ.

ޝެއިޙް ވިދާޅުވެފައި ވަނީ ނަމާދުން އުފާވެރިކަން ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ