މިސްކިތެއްގެ ޖަމާއަތުގައި ނަމާދު ކުރަނީ - ފޮޓޯ: އަވަސް

ރަޙްމަތާއި ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު ވަކިވުމުގެ ވަގުތު ދާދި ގާތްވެއްޖެ

ރަޙްމަތާއި ފާފަފުއްސެވުމާއި، ނަރަކައިން ދިންނެވުމުގެ މައްސަރު އަޅުގަނޑު މެންނާއި ވަކިވުމުގެ ވަގުތު ދާދި ގާތްވެއްޖެކަމަށާއި ހެޔޮގޮތުގައި މި މައްސަރުގެ ހޭދަކުރި މީހަކަށް އުފާވެރިކަމާއި ބާއްޖަވެރިކަން ހުރިކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. އަދި ހެޔޮގޮތުގައި މި މައްސަރު ހޭދަ ނުކުރެވޭ މީހަކަށް ހުރި ހިތާމައެއްގެ ބޮޑު ކަންވެސް ޚުތުބައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާން މަހުގައި އަޅުކަމުގައި ވަރަށް ހީވާގި ބައެއްކަމަށާއި، ނަމަވެސް ޢީދު ނަމާދާއި އެކު އަޅުކަމުން އަލްވަދާޢުކިޔާކަމަށެވެ. "އެހެން ކަމުން ބައެއް މީހުންނަކީ ރަމަޟާން މަހަށް އަޅުކަން ކުރި ބަޔެކޭ ހީވާކަހަލަ" ޚުތުބާގައި ވިދާޅުވެފައިވެއެވެ.

އެގޮތުން ބައެއް މީހުން ރަމަޟާން މަސް ނިނި ދިއުމާއެކު ނަމާދާއި، ﷲ ގެ މަގުގައި ހޭދަކުރުމާއި، ޛިކުރު ކުރުން ފަދަ އަޅުކަންތައް ހުއްޓާލާކަމަށައި، ނަމަވެސް ރަމަޟާން މަސް ނިމުމުންވެސް ހެޔޮކަމުގައި ދެމިތިބުމަށް ޚުތުބާގައި ވަނީ ގޮވާލައްވާފައެވެ.

ޚުތުބާގައި ވިދާޅުވެފައިވަނީ ވުޟޫ ކުރާ އިރު އަރުތެރެއަށް ފެންފޮދެއް ހިނގައިދާނެތީ ޖެހިލުންވެ ފަރުވާތެރިވާވަރަށްވުރެ ބޮޑަށް ބޮޑެތި ފާފަތަކާއި ފާޙިޝް ޢަމަލުތަކާއި ދުރިހެލިވުމަށް ފަރުވާތެރިވުމަށާއި، ރޯދައިގެ ޘަވާބު ފުރިހަމައަށް ހޯދުމަށްޓަކައި، ނަމާދު އެޅުމާއި، މުޢާމަލާތުގައި އޮޅުވާލުމާއި، ދޮގުހެދުމާއި ހުތުރުބަހުން ވާހަކަ ދައްކައި ޒުވާބު ކުރުމާއި، އަނިޔާވެރިވުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ހީލަތްހެދުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހޭކަމަށެވެ.

رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވެއެވެ. "ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ، އެމަސް ނިމުނުއިރު އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާ ނިކަމެތިވެ، ގެއްލި ހަލާކުވެއްޖެއެވެ."

އެހެން ކަމުން ރަމަޟާން މަހަށްފަހުގައިވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތަޢުފީޤު ލިބުމަކީ ﷲ ތަޢާލާ އަޅަމެންގެ ހެޔޮ ޢަމަލުތައް ޤަބޫލު ކުރެއްވި ކަމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެއްކަމުގައި ޚުތުބަގައި ވަނީ ވިދާޅުވެފައެވެ. އަދި ރަމަޟާންމަހު ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން ރޯދަ ހިފައި ރޭއަޅުކަން ކޮށް ހެޔޮ ޢަމަލުތައް ކޮށް އުޅޭ މީހާވެސް އެކަނތައްތަކާއި މެދު ބޮޑާވެ ނުގަތުމަށައި، އޭގެ ބަދަލުގައި މި ޢަމަލުތައް ﷲ ޤަބޫލު ކުރައްވާތޯ ދުޢާ ދެންނެވުމަށް ޚުތުބާގައި ވަނީ ގޮވާލައިފައެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ މިއަދު އަޅުގަނޑުމެންނަށް މި ވަނީ ވަރުގަދަ އިމްތިހާނަކާއި ކުރިމަތި ވެފައިކަމަށެވެ. އެހެން ކަމުން މި ކަމުން ސަލާމަތް ކޮށްދެއްވުން އެދި މަސައްކަތް ކުރުމަށް ވަނީ ގޮވާލައްވާފައެވެ. އެގޮތުން ކެއްތެރިވުމާއި ފަރްޟު ފަސް ނަމާދަށް ފަރުވާ ބެހެއްޓުމާއި، ސަޖިދާގައި ގިނަގިނައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރުމާއިއެކު ސަބަބުތަކުގައި ހިފުމަށް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލް މަހުގެ ހަ ރޯދަ ހިފުމަށް ނަސޭހަތްތެރިވެލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ