ޒުވާނާ މަރުވެފައި އޮއްވާ ފެނުނު ހަރުގެ ބަލަހައްޓާ މީހާ ހައްޔަރުކޮށްފި

ގއ. ވިލިނގިލީގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ޒުވާނާ ފެނުނު ހެރުގެ ބަލަހެއްޓުމާ ހަވާލުވެ ހުރި މީހާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

އަނިޔާވެރި ގޮތަކަށް ގއ.ވިލިނގިލީގައި މަރާލާފައިވާ އައްޑޫ ސިޓީ ހިތަދޫ ހުސައިން ސިމާދުގެ މަރުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، މަރުވެފައި އޮއްވާ އެ ޒުވާނާ ފެނުނު ވިލިނގިލީ އުތުރުކޮޅުގައި ހުންނަ ހަރުގެ ބަލަހައްޓާ މީހާ، ގއ.ވިލިނގިލި، ސައިސުން، ސައީދު ހަސަންއެވެ.

ސައީދު ހަސަނަކީ، ހުތަދޫ، ހިލާލީގޭ، އުމުރުން 39 އަހަރުގެ ހުސައިން ސިމާދު މަރުވެފައި އޮއްވާ އެންމެ ފުރަތަމަ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި މީހާއެވެ.

ސިމާދުގެ މަރުގެ ތަޙްޤީގަށް ފުލުހުންގެ ޚާއްޞަ ޓީމެއް ގއ.ވިލިނގިލީގައި ހަރަކާތްތެރިވަމުން އަންނައިރު، ހައްޔަރުކުރި މީހާއާ ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މި މަރާ ގުޅިގެން މިއަދު ފުލުހުން ވިދާޅުވެފައިވަނީ މަރުވެފައިވާ ޒުވާނާއަށް ތޫނު ހަތިޔާރުން ހަމަލާދީފައި ނުވީ ނަމަވެސް ހަށިގަނޑު ފިހިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ.

މި މައްސަލައިގައި ފުލުހުން މިރޭ ހައްޔަރުކުރި ހަރުގެ ބަލަހައްޓާ މީހާ މިއަދުވެ ވަގުތެއްގައި "ރާއްޖެ ޓީވީ" އަށް ދެއްވާފައިވާ ވީޑިއޯ އިންޓަވިއު ފާހަގަކޮށްލެވެއެވެ. އެ އިންޓަވިއުގައި ސަޢީދު ހަސަން ބުނެފައިވަނީ، އެ ޒުވާނާގެ ހަށިގަނޑު ފެނުނުއިރު ހަރަކާތެއް ނެތްހެން ހީވުމުން ޕޮލިސް ސްޓޭޝަނަށްގޮސް މަޢުލޫމާތު ހިއްސާކުރި ކަމަށެވެ.

"ފެނުނުއިރުގައި ފައި އޮތީ ދެން ހަރަކާތެއް ނުކުރާހެން ހީވެގެން އަޅުގަނޑަށް ދެން ޝައްކުވެގެން އަވަހަށް ދިޔައީ ޕޮލިސް ސްޓޭޝަނަށް، އެތަނަށް ގޮސް މަޢުލޫމާތު ދިނިން މީހަކު ވަދެފައި ތާށިވެފައި އެބައޮތޭ، ވެއްޓިފަ ގޮތަކަށް އެބައޮތޭ، އެހެންވީމަ ހިނގާބަލާށޭ ބަލަން." ސަޢީދު ބުނެފައިވެއެވެ.

ސަޢީދު އިތުރަށް ބުނެފައިވަނީ، "ފުލުހަށް މަޢުލޫމާތު ދިނުމަށްފަހު ގެއަށް އައިސްފައި ފޯނު ނަގައިގެން ތަޅުދަނޑި ހިފައިގެން ދިޔައިރު އެމީހުން (ފުލުހުން) އޭނަ ނެރެގެން ޕިކަޕަށް ލައިގެން ނައްޓާލީ." ކަމަށެވެ.

ޢާއްމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުގައި މަރުވެފައިވާ ޒުވާނާގެ އަތާއި މެއި މަތި އަދި ކޮނޑު މަތީގައިވެސް ކަރަންޓް ޖެއްސުމުން ނުވަތަ އަލިފާން ޖެއްސުމުން ފިހިފައި ހުންނަ ކަހަލަ ޒަހަމްތަކެއްގެ ނިޝާންތައް ފެންނަން ހުއްޓެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް