ހދ.ކުރިނބީގައި އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ވާދެމުމުގެ މުބާރާތުގައި ލޯފަން ކުދިންގެ ޖަމްއިއްޔާ (ބީވީއައިއެސްއެމް) އިން ބައިވެރިވާކަން އެޖަމްއިއްޔާއިން ހާމަކޮށްފިއެވެ.
ފޭސްބުކް މެދުވެރިކޮށް އެޖްމައިއްޔާގެ ރައީސް ޢަލީ ޝަމީމް ވިދާޅުވީ، ވާދެމުމުގެ މުބާރާތުގައި ބީވީއައިއެސްއެމްގެ ފަރާތުން ބައިވެރިވާ ޓީމުގައި 90 އިންސައްތައަށްވުރެ ބޮޑަށް ހިމެނޭނީ އެ ޖަމްއިއްޔާގެ މެންބަރުން ކަމަށާއި، ޓީމުގެ 75 އިންސައްތަ ބައިވެރިންނަކީ ލޯފަން ކުދިން ކަމަށެވެ.
ޢަލީ ޝަމީމް ވިދާޅުވީ، ވާދެމުމުގެ މުބާރާތުގައި އަމާޒަކީ ޗެމްޕިއަންކަން ހޯދުން ކަމަށާއި، އެކަމަށްޓަކައި ވަރުގަދަ ކުޅުންތެރިޔަކު ޓީމަށް ގެނައުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި އެ ކުޅުންތެރިޔާ ޓީމުން ފެނުމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
Kurin’bee council aai KYM gulhigen baahvaa eid kulhivaru 1440, jamiyya in baiveriva kulhivaru thakaai beheygothun raees ge live interview
Posted by Blind and Visually Impaired Society of Maldives on Friday, 9 August 2019
"މިފަހަރު މިރަށުގައި ބާއްވާ ސަގާފީ ކުޅިވަރުތަކުގައިވެސް ވަރަށް ބޮޑަށް އަޅުގަނޑުމެން ޖަމްއިއްޔާގެ މެންބަރުން ހަރަކާތްތެރިވަމުންދާނެ. ވަކިން ޚާއްޞަކޮށް ބޮޑުމަސް ކުޅުމުގައި އެސޯސިއޭޝަންގެ ވަރަށް ގިނަ މެންބަރުން ބައިވެރިވާނެ." ބީވީއައިއެސްއެމްގެ ރައީސް ޢަލީ ޝަމީމް ވިދާޅުވިއެވެ.
ވާދެމުމުގެ މުބާރާތުގައި ބީވީއައިއެސްއެމްގެ ޓީމެއް ބައިވެރިވާއިރު، އެ ޖަމްއިއްޔާގެ މެންބަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަނީ ކުރިނބީއަށް އައިސްފައެވެ. އަދި ފިޓްނަސް ރަނގަޅުކުރުމަށް ޓީމު ތައްޔާރީތައް ވަމުންދާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީގައި ކުލަގަދަ ގޮތެއްގައި އީދު ފާހަގަކުރުމަށް ކުރިނބީ ކައުންސިލާއި، ކުރިނބީ ޔޫތް މޫވްމަންޓް ގުޅިގެން ގިނަ ހަރަކާތްތަކެއް ރޭވިފައިވާއިރު، ވާދެމުމުގެ މުބާރާތް ވޭއްވުމަށް ހަމަޖެހިފައިވަނީ ދެވަނަ އީދު ދުވަހު (12 އޮގަސްޓް 2019) ގެ ހަވީރުއެވެ.
ބީވީއައިއެސްއެމް އިން މީގެ ކުރިންވެސް ހދ.ކުރިނބީގައި ތަފާތު ހަރަކާތްތައް ހިންގާފައިވާކަން ފާހަގަކޮށްލެވެއެވެ.