ވަގަށް ނަގާފައިވާ މޮބައިލް ފޯނާއި، ކޮމްޕިއުޓަރ ސާމާނުތަކަކާއެކު ފުލުހުން ވަގަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ވަގަށް ނަގާފައިވާ ސާމާނުތަކަކާއެކު 41 އަހަރުގެ މި ދިވެހި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މާލޭ، ގަލޮޅު އަވަށް ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން މިއަދު މެންދުރުފަހު 13:15 ހާއިރު ކަމަށެވެ.
ޕެޓްރޯލްކުރަމުންދިޔަ ފުލުހުންނަށް އެމީހާގެ ޢަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސްކުރިއިރު، އެމީހާ ގެންގުޅުނު ކޮތަޅެއްގެ ތެރެއިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާ ކަމަށެވެ.
"ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ މޮބައިލް ފޯނާއި، ތިން އިންޓަރނަލް ހާޑް ޑިސްކް އަދި ތިން ޑީވީޑީ ޑްރައިވް ފެނިފައިވޭ." ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، ވަގަށް ނަގާފައިވާ ސާމާނުތަކާއެކު އަތުލައިގަތް މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި، މި މައްސަލަ އެ ސަރވިސް އިން އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.




