ޔޫއެފާގެ އެންމެ ހިތްގައިމު ގޯލް މެސީއަށް

ނިމުނު ސީޒަންގެ ޔޫއެފާގެ އެންމެ ހިތްގައިމު ގޯލަކަށް ޗެމްޕިއަންސް ލީގު ޗެމްޕިއަން ލިވަޕޫލާއި ދެކޮޅަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ހިލޭޖެހުމަކުން ކާމިޔާބުކޮށްދިން ލަނޑު ހޮވިއްޖެއެވެ.

މެސީގެ އެލަނޑު ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ ވަރުގަދަ ކީޕަރު އެލިސަން ކޮޅަށް ޖަހާފައިވާއިރު، ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ކުޅެވުނު އެމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗުގައި ސުއަރޭޒް އެއްލަނޑު ޖެހިއިރު އަނެއް ދެލަނޑު ޖަހައިދިނީ މެސީއެވެ.

ނަމަވެސް ސެމީގެ ދެވަނަ މެޗުގައި ލިވަޕޫލް އަތްދަށުވެ ބާސެލޯނާ މުބާރާތުން ކެޓީ ދެވަނަ ލެގުން 4-0 ގެ ނަތީޖާއަކުން ބަލިވެގެންނެވެ.

ތިން ތައްޓަށް އަމާޒު ހިފައިގެން ނުކުތް ބާސެލޯނާއަށް މިދިޔަ ސީޒަންގައި ކާމިޔާބު ކުރެވުނީ ލަލީގާ އެކަންޏެވެ. ކޮޕަޑެލްރޭ ފައިނަލްގައިވެސް ވެލެންސިއާއާއި ބައްދަލުކޮށްވަނީ 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.

އެހެންކަމުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެކްލަބުންވަނީ އިތުރު ކުޅުންތެރިން ގެނެސް ޓީމު އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން 130 މިލިއަން ޑޯލަރު ޚަރަދުކޮށް އެތުލެޓިކޯއަށް ކުޅެމުންއައި ފްރާންސްގެ އެންޓޮއިން ގްރިޒްމަންވެސްވަނީ ކްލަބަށް ގެނެސްފައެވެ.

ކުރިއަށް އޮތް ލަލީގާ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު އެމެޗުގައި ބައްދަލުކުރާނީ ޗެމްޕިއަން ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ