ހައިކޯޓް - ފޮޓޯ: ވީ ނިއުސް

ރިލްވާން މައްސަލަ ޕީޖީއިން އިސްތިއުނާފެއް ނުކުރޭ - ހައިކޯޓް

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފުކޮށްފައި ނުވާކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ.

ހައިކޯޓުން މިހެން ވިދާޅުވެފައި މިވަނީ، ރިލްވާން ވަގަށް ނެގި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުށް ސާބިތު ނުވުމުން، އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދަ އަށް އެދިވަޑައިގެންފައި ވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވިދާޅުވެ، އެކަން ތަކުރާރުކޮށް ޓްވީޓްކުރެއްވުމުންނެވެ.

ހައިކޯޓުން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އެ މައްސަލަ އިސްތިޢުނާފު ކުރެއްވުމަށް ޤަސްދުކުރައްވާތީ، އެ މައްސަލައިގެ ޝަރީޢަތް ނިމުމުގެ ގޮތުގެރިޕޯޓް ލިބިވަޑައިގަތުމުން މައްސަލަ އިސްތިޢުނާފުކުރުމަށް ހުށަހެޅުއްވުމުގެ ހުއްދަ ދެއްވުން އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވީ ބުރާސްފަތި ދުވަހު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

"ދެންނެވުނު ސިޓީއަށް، ދިވެހިރާއްޖޭގެ ހައިކޯޓުން، 2018 އޮގަސްޓް މަހުގެ 6 ވީ ހޯމަ ދުވަހު ދިން ޖަވާބުގައި ދަންނަވާފައިވާނީ، "ފުރަތަމަ މަރުހަލާގެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލްއަކުން ނިންމާ ނިންމުން އިސްތިޢުނާފަށް ހުށަހަޅަން ޖެހޭ މުއްދަތުކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC (27 ޖެނުއަރީ 2015 ) ސަރކިއުލަރގައި ބަޔާންކުރައްވާފައިވާ 10 ދުވަސް ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލައެއްނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ ހައިކޯޓުގެ ގަވާއިދުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އިސްތިޢުނާފުކުރުމުގެ ހުއްދައަށް އެދިކަމުގައި ދެންނެވީމެވެ. އަދި މި ދެންނެވުނު މާއްދާގެ ދަށުން މައްސަލަ ހުށަހެޅުމުން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަކާއި މެދު ގޮތެއް ނިންމޭނެ ކަމުގައި ދަންނަވަމެވެ" މިފަދައިން." ހައިކޯޓުން ވިދާޅުވިއެވެ.

ހައިކޯޓުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ސިޓީއިން ކުރެއްވި މުޢާމަލާތުގެ އިތުރުން އެކޯޓާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާނެ ކަމަށެވެ.

"2018، 6 އޮގަސްޓުގައި މި ކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ޖަވާބު ދީފައިވީ ނަމަވެސް، އެ ފަހުން އެއް އަހަރު ދުވަސްވެފައިވާ އިރުވެސް ދެންނެވުނު މައްސަލަ އިސްތިޢުނާފު ކުރައްވާކަށްވެސް އަދި އިސްތިޢުނާފު ކުރުމުގެ ހުއްދައަށް އެދިވެސް މި ކޯޓަށް ހުށަހަޅުއްވާފައެއް ނުވޭ." ހައިކޯޓުން ވިދާޅުވިއެވެ.

ރައްޔިތުންގެ ހިތްތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ އަގު ވެއްޓޭ ގޮތަށް ވާހަކަފުޅު ނުދެއްކެވުމަށާއި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ޓްވީޓު ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އިލްތިމާސް ކުރައްވާކަމަށްވެސް ހައިކޯޓުގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ