ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ސްޕްރީމް ކޯޓަށް ހާޒިރުކުރި ވަގުތު، ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅި މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ބަލަން ފަށައިފިއެވެ.
މިއަދު އެކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިންގެ ވާޖިބު އަދާ ކުރުމުގެ ތެރޭގައި ދިމާވާ ހުރަސްތައް ނައްތާލައި، ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށް ދިނުމަށް މަސައްކަތް ކުރުމަކީ އެ ކައުންސިލްގެ ޤާނޫނީ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
އެކައުންސިލުން ބުނެފައިވަނީ، 6 އޮގަސްޓް 2019 ވަނަ ދުވަހު ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ސްޕްރީމް ކޯޓަށް ހާޒިރުކުރެވުނު ވަގުތު ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއަޅާފައިވާ ކަމުގެ ޝަކުވާ އެ ކައުންސިލްގެ މެންބަރުންނަށް ލިބިފައިވާ ކަމަށާއި، މި ހާދިސާގައި ކަންތައްވެފައިވާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އެ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށް، އެކަމަށް ވަނީ ކޮމެޓީއެއްވެސް އެކުލަވާލައިފައެވެ. އަދި އެ ކޮމެޓީއިން ދަނީ އެ މައްސަލަ ބަލަމުން ކަމުގައިވެސް ނޫސްބަޔާނުގައި ވަނީ ވިދާޅުވެފައެވެ.