ޢީދުގެ އެންމެ ބޮޑު މަޤްޞަދަކީ މުޅި މުޖްތަމަޢަށް އުފާވެރިކަން ފަތުރާލުން - ރައީސް

ޢީދުގެ އެންމެ ބޮޑު މަޤްޞަދަކީ މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނެ މިހެން ވިދާޅުވީ ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ، ޢީދުގެ އުފާ ފާޅުކުރުންތަކުގައި، މުޖްތަމަޢުގެ އެންމެން ބައިވެރިކޮށް، އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ ސިފަތައް ދިރުވައި އާލާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި، އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރައްވާފައި ވެއެވެ.

ރައީސް ޞޯލިޙް ވިދާޅުވީ، އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ޢީދަކީވެސް، އޭގައި ވަރަށް ފުރިހަމަ އިޖްތިމާޢީ މާނަތަކެއް އެކުލެވިގެންވާ މުނާސަބަތެއް ކަމަށާއި، އުފާވެރިކަން ފާޅުކޮށް، ތަހުނިޔާއާއި ހެޔޮއެދުންތައް ބަދަލުކުރާ ދުވަހެއްގެ ގޮތުގައި، ޢީދު ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، މުޅި މުޖްތަމަޢުގައި އުފާވެރިކަން ފަތުރާލުން ކަމަށެވެ.

މިފަދަ ކޮންމެ ޢީދަކީ ހީނަރުވެފައިވާ ޢާއިލީ ގުޅުންތައް، ބަދަހިކުރުމަށް ލިބޭ ވަރަށް އަގުހުރި ފުރުޞަތެކަމަށާއި، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ އަދި ޢާއިލީ ވާޖިބެއްކަން ހަނދާނުގައި ބެހެއްޓެވުން ވަރަށް މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ.

މި އުފާވެރި މުނާސަބަތުގައި އަމިއްލަ ޤައުމާއި ޢާއިލާއާ މާ ދުރުގައި، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވަމުން ގެންދަވާ، އަޚުންނާއި އުޚުތުންގެ މަތިން ހަނދުމަފުޅު އާކުރައްވައި ޢީދުގެ ތަހުނިޔާވެސް ފޮނުއްވާފައިވެއެވެ. މީގެއިތުރުން މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާ ހުރިހާ މުސްލިމުންނަށް، މަބްރޫރު ޙައްޖަކަށް ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގެންފައި ވެއެވެ.

އަދި، އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން ކަމަށްވާއިރު، މި ޢީދުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ކޮންމެ ކަމެއްގައިވެސް، މުޖްތަމަޢުގެ ފަރުދުންގެ މެދުގައި އޮންނަންޖެހޭ ޢަދުލުވެރިކަމާއި ހަމަހަމަކަމުގެ މަތިވެރި އުޞޫލުތައްކަމަށާއި، އެކަން މުޖުތަމަޢުގައި ފެތުރިގެންދާނީ، ތިމާގެ އަމިއްލަ ނަފްސަށް ހެޔޮއެދޭ ފަދައިން، އަނެކުންގެ މަޞްލަޙަތަށް އިސްކަންދީ އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް