އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު ފޯރިގަދަމެޗުން ބޮޑު ތަފާތަކުން ޗެލްސީ، ޔުނައިޓެޑް އަތުން ދަށް ވެއްޖެއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން މިހާ ބޮޑު ތަފާތަކުން އޯލްޓްރެފޯޑްގައި ޗެލްސީ، ޔުނައިޓެޑް އަތްދަށުވެފައިވަނީ 1965 ވަނަ އަހަރުއެވެ.
މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ލިބުނު ޕެނަލްޓީއަކުންއެވެ. 18 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ.
ޔުނައިޓެޑްގެ އަނެއް ތިން ލަނޑު މެޗުގެ ދެވަނަ ހާފުގައި ފެނިގެން ދިޔައިރު އެލަނޑުތައް ޖަހާދީފައިވަނީ ފުރަތަމަ ލަނޑުޖެހި މާކަސް ރަޝްފޯޑާއި، އެންތަނީ މާޝިއާލްގެ އިތުރުން ޑެނިއެލް ޖޭމްސްއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފި ލަނޑެއް ކާމިޔާބުކުރެވިފައިނުވާއިރު، ވޭތުވެދިޔަ 104 ސީޒަންގައި ކުރިމަތިވި އެންމެ ހިތްދަތި ފެށުމާއި ޗެލްސީވަނީ ކުރިމަތިލާން ޖެހިފައެވެ.
ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ލަމްޕާޑުގެ އިރުޝާދުގެ ދަށުން ނުކުތް ޒުވާން ޗެލްސީއިންވަނީ މެޗުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. ހުރިހާ ގޮަތަކުންވެސް ޔުނައިޓެޑަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ ޗެލްސީއަށް ނާކާމިޔާބީއާއި ކުރިމަތިވީ ލިބުނު ފުރުޞަތު ތަކުގެ ބޭނުން ހިފޭގޮތް ނުވުމުންނެވެ. ޗެލްސީގެ ދެހަމަލާއެއް ޔުނައިޓެޑްގެ ދަނޑިއާ އަމާޒުވިއިރު، ޗެލްސީގެ އިތުރު ހަމަލާތައް ދިފާޢުކުރީ ޔުނައިޓެޑް ކީޕަރު ޑެހެއާއެވެ.
އޭގެ ބަދަލުގައި ޔުނައިޓެޑުން ލިބުނު މަދު ފުރުޞަތު ތަކުގެ ބޭނުންހިފައިވަނީ ލަނޑުޖަހާފައެވެ. ކައުންޓާ އެޓޭކްތަކުގައި ޔުނައިޓެޑްގެ ފަރާތުން ނުރައްކާތެރި ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.