ފްރެންޗް ލީގު 1 ގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުން އެކްލަބު މޮޅުވެއްޖެއެވެ.
ޕީއެސްޖީ ރޭގެ މެޗަށް ނުކުމެފައިވަނީ ކްލަބު ދޫކޮށްލަން އުޅޭކަމަށް ޚަބަރު ފެތުރުމުންދާ ބްރެޒިލްގެ ތަރި ނޭމާ ޓީމުގައި ނުހިމަނައެވެ.
ޕީއެސްޖީ ދަނޑުގައި ކުޅުނު މިމެޗު ނިމެސްއާއި ބައްދަލުކޮށް ޕީއެސްޖީން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން 24 ވަނަ މިނަޓްގައި އެޑިސަން ކަވާނީ ކާމިޔާބުކޮށްދިއިރު، ޕީއެސްޖީގެ އަނެއް ދެ ލަނޑުފެނިގެން ގޮސްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. އެލަނޑުތައް ޖަހާދީފައިވަނީ ކިލިއަން އެމްބާޕޭއާއި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޑިމާރިއާއެވެ.
ރޭގެ މެޗުގެ މުޅި ކޮންޓްރޯލް ޕީއެސްޖީ އަތުގައި އޮތްއިރު އެކްލަބުންވަނީ ނިމެސްކޮޅަށް 12 ހަމަލާ ފޮނުވާލާފައެވެ. އަދި އޭގެތެރެއިން 5 ހަމަލާއެއްވަނީ ނިމެސްގެ ގޯލާއި އަމާޒުވެފައެވެ.
މިދިޔަ ސީޒަންގެ ލީގު 1 ޕީއެސްޖީ ކާމިޔާބުކޮށްފައިވަނީ 16 ޕޮއިންޓްގެ ބޮޑު ތަފާތަކާއެކުގައެވެ. ވޭތުވެދިޔަ ދެ ލީގު 1 ވެސް ކާމިޔާބުކޮށްފައިވާ ޕީއެސްޖީއިން މިފަހަރު ނުކުތީ ޖައްސަ ޖައްސައިގެން މިލީގު ތިން ފަހަރު އުފުލާލުމަށެވެ. އަދި މީގެ ކުރިން 8 ފަހަރެއްގެ މަތިން ޕީއެސްޖީން މިލީގު ކާމިޔާބުކޮށްފައިވެއެވެ.




