މުޒާހަރާތަކާއި ގުޅިގެން ހޮންކޮންގެ އެއަރޕޯޓްގެ އޮޕަރޭޝަންތައް ހުއްޓުމަކަށް

މުޒާހަރާގެ އެތައް ހާސް ބައިވެރިން ހޮންކޮންގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖަމާވެ މިއަދަށް ހަތަރު ދުވަސްވެފައި ވާއިރު އެ އަރޕޯޓުން ފުރަން ހަމަޖެހިފައިވާ ފުލައިޓުތައް މިއަދު ކެންސަލް ކޮށްފިއެވެ.

ހޮންކޮންގެ އެއަރޕޯޓުން މިއަދު މެންދުރުފަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ޗެކިން ނުފަށައިވާ ހުރިހާ ފުލައިޓެއް މިއަދަށް ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި ދަތުރުތައް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހޮންކޮންގެ ގަޑިން މިއަދު ހަވީރު 18:00 ގައި ފުރުމަށް ހަމަޖެހިފައިވާ 160 ހަށްވުރެ ގިނަ ފުލައިޓު ވަނީ ކެންސަލް ކޮށްފައެވެ.

ހޮންކޮންގެ އެއަރޕޯޓަށް ޖަމާވެފައިވާ 5،000 ހެއްހާ މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ މުޒާހަރާތައް ރޫޅާލުމުގައި ފުލުހުން ހާލަތާއި އެކަށީގެން ނުވާ މިންވަރަށް ބާރުގެ ބޭނުން ކޮށްފައި ވާކަމަށެވެ.

ޗައިނާއަށް ކުއްވެރިން ބަދަލުކުރުމަށް ހޮންކޮންގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރަން އުޅުނު ބިލް ހުއްޓުމަށް ޖޫން މަހު ހޮންކޮންގައި ފެށުނު މުޒާހަރާތައް މިއަދާއި ހަމައަށް އައި އިރުވެސް ހުއްޓިފައެއް ނުވެއެވެ. މުޒާހަރާތަކާއި ގުޅިގެން ހޮންކޮންގެ ސަރުކާރުން ވަނީ މި ބިލް ފާސްނުކުރުމަށްވެސް ނިންމައިފައެވެ. ނަމަވެސް މުޒާހަރާތައް ކުރުމަށް ބަދަލެއް އައިސްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް