ރެއަލްމެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ޓީމު ހިންގާގޮތް ވަރަށް ކަމުދާކަމަށް ކުރިން އެކްލަބަށް ކުޅުނު އަދި މިހާރު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނީ ރޮނާލްޑޯ ބުނެފިއެވެ.
ރޮނާލްޑޯ ދިން އިންޓަވިއުއެއްގައި އޭނާ މިހެން ބުނެފައިވާއިރު، ރޮނާލްޑޯވަނީ ޒިދާންގެ އިރުޝާދުގެ ދަށުން ތިން ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ކާމިޔާބުކޮށްފައެވެ.
ރޮނާލްޑޯ އިތުރަށް ބުނެފައިވަނީ މެޗުގައި ރަނގަޅަށް ކުޅުމުގެ އިތުބާރު ލިބެނީ ހަމައެކަނި އެކުޅުންތެރިޔާގެ ސަބަބުން ނޫންކަމަށާއި، ނަމަވެސް ޓީމުގެ އެހެން ކުޅުންތެރިންނާއި، ކޯޗުގެ އެހީތެރިކަން އެކަމުގައި ވަރަށް ބޮޑުކަމަށެވެ.
"ޓީމުގައި އެމީހާގެ މުހިންމުކަން އެބަޖެހޭ އެނގެން. ޒިދާންގެ ސަބަބުން ޓީމުގައި އަހަރެންގެ ޚާއްސަކަން އިޙްސާސްކުރެވުނު" ރޮނާލްޑޯ ބުންޏެވެ.
ޒިދާން ރޮނާލްޑޯއަށް ވަރަށް އެހީތެރިވިކަމަށާއި، އޭނާގެ އިޚްތިރާމް އަބަދުވެސް ޒިދާނަށް އޮންނާނެކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ.
"ޒިދާންއާއެކު މަސައްކަތް ކުރުމުން އޭނާއާއި އިތުރަށް ގަޔާވޭ. އޭނާގެ ކެރެކްޓާގެ ގޮތުން. ވާހަކަ ދައްކާ ގޮތުން. ޓީމު ހިންގާ ގޮތުން. އަހަންނާ ދޭތެރޭ ކަންތައް ކުރާގޮތުން" ރޮނާލްޑޯ ބުންޏެވެ.
މީގެއިތުރުން ރޮނާލްޑޯ ބުނީ މެޗުގެ ކުރިން ޒިދާން ބުނާނީ ދަނޑަށް ނުކުމެ އަމިއްލަ ގޭމް ކުޅޭށޭކަމަށާއި، މެޗުގައި ބަދަލު ގެނެވޭނެ ކުޅުންތެރިއަކީ އޭނާކަމަށް ބުނާނެކަމަށެވެ.
ދާދިފަހުން ދިން އިންޓަވިއުއެއްގައި އެނބުރި ރެއަލްމެޑްރިޑަށް ދާން ބޭނުންކަމަށްވެސްވަނީ ބުނެފައެވެ.