ހޮންކޮންގެ އެއަރޕޯޓްގައި މުޒާހަރާކުރި މީހުން މާފަށް އެދެފި

ހޮންކޮންގެ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މުޒާހަރާކުރި ބައެއް ފަރާތްތަކުން އެފަރާތްތަކުގެ އަމަލުތަކަށް އެއަރޕޯޓް ބޭނުންކުރާ ފަރާތްތަކުގެ ކިބައިން މާފަށް އެދެފިއެވެ.

އެއަރޕޯޓުގައި އެތައްހާސް މުޒާހަރާގެ ބައިވެރިން ޖަމާވެ ކުރި މުޒާހަރާތަކުގެ ސަބަބުން ދެ ދުވަހަށް އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓާލުމަށްފަހު، އިއްޔެ އަލުން އޮޕަރޭޝަންތައް ފަށައި އިރު މުޒާހަރާގެ ބައެއް ބައިވެރިންވަނީ މާފަށް އެދި ބޯޑުތައް ހިފައިގެން އެއަރޕޯޓުގައި ހަރަކާތްތެރި ވެފައެވެ.

މިދިޔަ އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދުވަނީ ވަރަށް ބޮޑު ކުރިމަތިލުމަކަށް ގޮސަފައެވެ. މި ކުރިމަތިލުން ތަކުގައި މުޒާހަރާގެ ބައިވެރިންވަނީ ނޫސްވެރިއަކަށާއި އަދި އާދައިގެ ހެދުމުގައި ހަރަކާތްތެރިވާ ފުލުހެއް ކަމަށް ބެލެވޭ މީހަކަށް ވަރަށް ބޮޑަށް އަނިޔާ ކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން އަނިޔާ ކޮށްފައިވާ މީހެއް

އަންގާރަ ދުވަހު މުޒާހަރާގެ ބައިވެރިންގެ އަމަލުތައް ހުރިގޮތުން ވަރަށްގިނަ ފަރާތްތަކުންވަނީ މުޒާހަރާގެ ބައިވެރިންނަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ހޮންކޮންގައި މުޒާހަރާތައް ފެށިގެން ގޮސްފައިވަނީ އެކިއެކި ކުއްތަކުގެ ތުހުމަތުކުރެވޭ ފަރާތްތައް ޗައިނާއަށް ބަދަލުކޮށް ތަހުގީގުތައް ކުރެވޭގޮތަށް ހޮންކޮންގެ ގާނޫނަށް ބަދަލު ގެނައުމަށް ހޮންކޮންގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރަން އުޅުނު ބިލް ހުއްޓުވުމަށެވެ.

ހޮންކޮންގެ ސަރުކާރުން މިހާރުވަނީ މި ބިލު ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން އެދެމުންދަނީ ބިލް އެއްކޮށް އުވާލުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ