ސިޙްރުވެރިޔާއަކީ އިންސީންގެ ޝައިޠާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނެއް - ޚުތުބާ

ސިޙްރުވެރިޔާއަކީ އިންސީންގެ ޝައިޠާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނެއް ކަމަށާއި އޭނާގެ މަޤްސަދަކީ މަކަރާއި ހީލަތްހަދައި މީސްތަކުން ގިލަންވެރި ކުރުވުމާއި، މީސްތަކުންނަށް ގޯނާކުރުމާއި، އޮޅުވާލައިގެން ޢަޤީދާ ބަލިކަށި މީހުންގެ ސިކުނޑިތަކާއި ކުޅެގެން، އޭނާގެ ޖީބު ތަނަވަސްކުރުން ކަމުގައި މިއަދުގެ ޚުތުބާއި ވިދާޅުވެއްޖެއެވެ.

މީހަކަށް ސިހުރުވެރިޔަކަށް ވެވޭނީ އޭނާގެ އީމާންކަން ވިއްކާލުމަށްފަހު، އޭނާގެ އެކުވެރި ޝައިޠާނީ ޖިންނީންނާ ދޯޅުވުމަށްޓަކައި ﷲ ހުއްދަ ނުކުރައްވާ ޢަމަލުތައް ކޮށްގެންނެވެ.

ރަސޫލުﷲ صلى اللّه عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "ތިން މީހަކު ސުވަރުގެ ނުވައްނާނެތެވެ. އެއީ ރާބުއިމަށް ދެވިހިފާފައިވާ މީހާއާއި، ރަޙިމުގެ ގުޅުން ކަނޑާ މީހާއާއި، ސިޙުރުވެރިންގެ ބަސް ތެދުކުރާމީހާއެވެ." އަދިވެސް އެކަލޭގެ ފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "ކާހިނެއްގެ ގާތަށް ނުވަތަ ފާލުބަލާ މީހެއްގެ ގާތަށްގޮސް އެމީހާ ބުނާއެއްޗެއް ތެދުކޮށްފިމީހާ ފަހެ، ހަމަކަށަވަރުން މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވި އެއްޗެއްސަށް ކާފިރުވެއްޖެއެވެ."

އިރުވަރު ބެލުމާއި ފާލުބެލުމާއި، ރަމަލުޖެހުމާއި، އަތްބެލުންފަދަ އެންމެހައި ކަންތައްތަކަކީ ހަމަ ސިޙުރު ހާހޫރަޔާއި އެއްފަދަ ބޮޑެތި ފާފަތަކެކެވެ. ޖާދޫ ގަރުންނާއި، ރަމަލުޖަހާ މީހުންނާއި، ކަހީނުންނާއި، ކުރާ އަނބުރާ މީހުންނާއި، ޖޯޑު ދުއްވާ މީހުންނާއި، އަތްބަލާ މިހުންނަކީވެސް ހަމަ ސިޙްރުވެރިންކަމަށް ޚުތުބާގައި ވިދާޅުވެފައި ވެއެވެ.

ސިޙްރުވެރިންނަކީ އަދި ސިޙްރުވެރިންގެ ގާތަށްގޮސް އެމީހުންގެ ބަސް ޤަބޫލުކުރާ މީހުންނަކީ އީމާންކަމުގެ ދާއިރާއިން ބޭރުވެފައިވާ ބައެކެވެ. އެމީހުންނަކީ ﷲ ގެ ޙަޟްރަތުން ވާގި ހޯދުމުގެ ބަދަލުގައި އެހެން ފަރާތްތަކުން ވާގި ހޯދާ މީހެކެވެ.

ރަސޫލުﷲ صلى اللّه عليه وسلم ގެ ޙަދީޘްއަށް ވިސްނާލާއިރު ސިޙްރުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑުކަމުގައި ޚުތުބާގައި ވަނީ ވިދާޅުވެފައެވެ. ސިހްރުގެ ސަބަބުން މުޖުތަމަޢު ރޫޅި އެކުވެރިން ހަތުރުވެރިވެ، ނާމާންކަން ފެތުރޭތީއެވެ. އެމީހުންގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް ބިރުވެރިކަން ވަންނާނެތީއެވެ. އެމީހުންގެ ސަބަބުން އާއިލާތައް ރޫޅޭތީއެވެ. އެމީހުންގެ ސަބަބުން ދުޅަހެޔޮ އެތައްބަޔަކު ބަލިމީހުންނަށް ވާތީއެވެ. އެމީހުންގެ ސަބަބުން އެތައް ބާއްޖަވެރިންނެއް އަބާއްޖަވެރިވެގެން ހިނގައިދާނެތީއެވެ.

އެންމެ ޤަދީމީ ޒަމާނުއްސުރެ އިންސާނާއަށް ކުރިމަތިބވެފައިވާ ބޮޑެތި ވަބާތަކުގެ ތެރޭގައި ސިޙުރު ހާހޫރަ ހިމެނެއެވެ. ޝައިޠާނާގެ ކިބައިން ސިޙުރު ދަސްކުރަން އެދޭމީހާއަށް އޭނާގެ ދީނާއި ޢަޤީދާ އެ ޝައިޠާނާއަށް ޤުރުބާން ކުރުމަށްފަހުގައި މެނުވީ އެ ޝައިޠާނާ އޭނާއަށް ސިޙުރު ދަސްކޮށެއް ނުދޭނެތެވެ. ސިޙުރުގެ ޒަރީޢާއިން އާދަމުގެ ދަރީންގެ މައްޗަށް ޝައިޠާނުންވެރިވެ، އެމީހުން މަގުފުރައްދައެވެ. ޝައިޠާނާ އެމީހުންނަށް ކަމެއް ކޮށްދޭނީ އެ ޝައިޠާނާއެދޭ ބޮޑެތި ފާފަތަކުން ފާފައަކަށް އަރައިގަތުމުންނެވެ.

މާތް ﷲ އަށް ވަކީލުކޮށް ސަބަބުތަކުގައި ހިފަހައްޓައިގެން މަސައްކަތް ކުރުމުގެ ބަދަލުގައި ބައްޔެއް ނުވަތަ މުޞީބާތެއް ޖެހުމުން އިސްލާމް ދީނުގައި ބޭސްފަރުވާ ކުރަން އަންގަވާފައި އޮތް މަގު ދޫކޮށްލައި ސިޙުރުވެރިންގެ ގާތުން މަދަދާއި އެހީތެރިކަން ހާދާކަން ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

އިސްލާމީ މުޖުތަމަޢުތަކުގައި ސިޙުރު ޙާހޫރައިގެ ވަބާ ފުޅާ މިންވަރަކަށް ފެތުރިގެން ދިޔައީ މީސްތަކުންގެ ނަފްސުތަކުގެ މައްޗަށް މާއްދިއްޔަތު ވެރިވެ ހިތްތައް ހަރުވެ ޙަސަދަވެރިކަމާއި، ރުޅިވެރިކަން އިތުރުވެ ޢަޤީދާ ބަލިކަށިވުމުގެ ސަބަބުންނެވެ. އަދި ގޭގައި ޤުރުއާން ކިޔެވުމާއި، ޛިކުރުކުރުން މަދުވެ ޝައިޠާނާގެ ކުޅިސަމާ ކުޅޭ ވެއްޓަކަށް ގެދޮރު ބަދަލުވުމުންނެވެ.

ސިޙުރު ހާހޫރައިން ސަލާމަތްވެވޭނީ ހުރިހާ ވަގުތެއްގައި ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ދުޢާކޮށް ޛިކުރުކުރުން ގިނަ ކޮށްގެން ކަމަށާއި ސައްތައިން ސައްތަ އިސްލާމީ މި ދިވެހިރައްޖޭގައި ސިޙުރު ހާހޫރަ ގިނަވަމުން ދިއުމަކީ ހިތާމަ ހުރި ކަމެއްކަމުގައި ވަނީ ހާފަގަ ކޮށްފައެވެ. އަދި މީސްމީޑިއާގެ ޒަރީޢާއިން ސިޙްރު ހާހޫރައާއި ދީނުގައި ހުއްދަނޫން އެތައް ކަމެއް ދަސްކޮށްދީ އުޅޭތަން ފެންނަ ކަމުގައިވެސް ޚުތުބާއި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ