ފިހާރައަކުން ވައްކަން ކުރި ހަތަރު މީހުން ހައްޔަރުކޮށްފި

ރޭ ދަންވަރު މާލޭގައި ހުރި ފިހާރައަކުން ވައްކަން ކުރި ހަތަރު މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

ވައްކަން ކޮށްފައި ވަނީ ކަރަންކާ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެ ފިހާރައަށް ވަދެގެންނެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ 23 އަހަރުގެ މީހަކާއި، 25 އަހަރުގެ މީހަކައި، 26 އަހަރުގެ މީހަކާއި އަދި 28 އަހަރުގެ މީހެކެވެ. މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މި ފިހާރައިން ވައްކަންކުރަން އުޅޭކަމަށް ރޭ 02:48 ހާއިރު ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން ފުލުހުން އެސަރަހައްދަށް ދިޔައިރު ހަތަރު މީހަކު ދުވެފައި ދަނިކޮށް ފުލުހުންނަށް ވަނީ ފެނިފައެވެ. އަދި ފުލުހުން އެމީހުން ފަހަތުން ގޮސް ހުއްޓުވާ ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެނެސް ބަލައި ފާސްކުރި އިރު އެމީހުންގެ އަތުން ފިހާރައިން ވަގަށް ނަގާފައިވާ ސާމާނު ވަނީ ފެނިފައެވެ.

އެގޮތުން 748.35 ދިވެހި ރުފިޔާއާއި، 10 އިންޑިއާ ރުޕީސްއާއި، 5 ދިރުހަމްއާއި، ރާސްޓަސް އެޅުމަށް ބޭނުންކުރާ ނޮކިޔާ ބްރޭންޑްގެ ފޯނަކާއި، އަތުގައަޅާ ގަޑިއަކާއި، ކެމެލް ހާޑް ސިނގިރޭޓް ފޮއްޓެއް ވަނީ ފެނިފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް