ޤަވާއިދާއި ހިލާފަށް މަގުމަތީގައި ޕާކް ކޮށްފައި ހުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 58 ކާރާއި 180 ސައިކަލް ނައްތާލުމަށް މަސައްކަތް ފުލުހުން ފަށައިފިއެވެ.
މިއީ އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރި އުޅަނދުތައްކަމަށާއި، ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށް ފަހު ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
އެގޮތުން ނައްތާލުމަށް ނިންމާފައިވާ އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ މިގޮތަށް މަގުމަތީގައި ގަވައިދާއި ހިލާފަށް ގިނަ ދުވަސްވަންދެން ޕާކް ކޮށްފައި ހުންނަ ކާރާއި ސައިކަލް ނައްތާލައިފައި އެވެ.




