އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ޓޮޓޭންހާމް ބައްދަލުކުރިމެޗުން ވީއޭއާރުގެ އެހީގައި ޓޮޓޭންހާމް ބަލިނުވެ ސަލާމަތްވެއްޖެއެވެ.
މެންޗެސްޓާ ސިޓީގެ އެތިޙާދު ސްޓޭޑިއަމްގައި ކުޅެވުނު މިމެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.
ސިޓީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ސީޓީއިންނެވެ. މިލަނޑަކީ ޑިބްރޫނޭގެ ހިތްގައިމު ހުރަހަކުން ބޮލުން ޖެހިލަނޑެކެވެ. މެޗުގެ 20 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޖަހައިދިނީ ރަހީމް ސްޓާލިންއެވެ.

އޭގެ ތިން މިނަޓް ފަހުން ސިޓީގެ ޑިފެންޑަރުންގެ ތެރޭގައި ހުރެ ފޮނުވާލި ބޯޅައަކުން އެރިކް ލަމޭލާ ލަނޑެއްޖަހައި ޓޮޓޭންހާމްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނެވެ.
ފުރަތަމަ ހާފު ނިމުނުގެ ކުރިން ސިޓީންވަނީ އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފައެވެ. ޑިބްރޫނޭގެ ހުރަހަކުންޖެހި މިލަނޑު މެޗުގެ 35 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ.
ޓޮޓޭންހާމްއިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގައެވެ. ލިބުނު ކޯނަރަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލޫކަސް މޯރާ ބޮލުން ކާމިޔާބުކޮށްދިން މިލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 56 ވަނަ މިނަޓްގައެވެ. މިއީ މެޗުގައި ލޫކަސް މޯރާގެ ފުރަތަމަ ޓަޗުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

އަލުން ލީޑަށް އައުމަށް ސިޓީންވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަހު ވަގުތު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ގެބްރިއަލް ޖީސޫސް ލަނޑެއްޖަހައި ސިޓީއަށް އަނބުރާ ލީޑަށް އާދެވުނުކަމަށް ހީކުރެވުނެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީވަނީ އެލަނޑު ކެންސަލްކޮށްފައެވެ. ޖީސޫސްއަށް ބޯޅަ ލިބުމުގެ ކުރިން ސިޓީގެ ޑިފެންޑަރު ލަޕޯޓޭ އަތުގައި ބޯޅަ ޖެހިފައިވާކަމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީވަނީ ނިންމާފައެވެ.