ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން މޮޅުވެ، 27 މަހަށްފަހު ރެއަލްމެޑްރިޑަށް ލަލީގާގެ ތާވަލުން ވާދަވެރި ބާސެލޯނާއަށްވުރި ކުރި ލިބިއްޖެއެވެ.
މިސީޒަންގެ ލަލީގާ މިހަފްތާ ބަންދުގައި ފެށިފައިވާއިރު ކުޅުނު ފުރަތަމަ މެޗުން ރެއަލްމެޑްރިޑްވަނީ މޮޅުވެފައެވެ. އަދި ބާސެލޯނާވަނީ ދިހަ އަހަރަށް ފަހު ލީގުގެ ފުރަތަމަ މެޗުން ބަލިވެފައެވެ.
އެއްކުޅުންތެރިއަކުން މަދުކޮށް ކުޅުނު ރެއަލްމެޑްރިޑުން ސެލްޓާ ވީގޯގެ މައްޗަށްކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.
ރެއަލްމެޑްރިޑްގެ ލަނޑުތައް ޖަހާދީފައިވަނީ ކަރިމް ބެންޒެމާ، ޓޯނީ ކްރޫސް އަދި ލޫކަސް ވަޒްކެޒްއެވެ. ސެލްޓާ ވީގޯގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހާދީފައިވަނީ އަރަގުންޑޭއެވެ.
ރޭގެ މެޗުގައި ރެއަލްމެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ ކޮރޭޝިއާގެ ތަރި ލޫކާ މޮޑްރިޗް ކުރި ފައުލަކާއި ގުޅިގެން މެޗުގެ 56 ވަނަ މިނަޓްގައިވަނީ ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިސީޒަނަށް އަލަށް ގުޅުނު އެޑެން ހަޒާޑަށް ފަރިތަކުރުންތަކުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ރޭގެ މެޗު ކުޅެފައެއް ނުވެއެވެ. އަދި އޭނާގެ ބަދަލުގައި ފުރަތަމަ 11 ގައި ހިމެނުނު ގެރެތު ބޭލްވަނީ ރޭގެ މެޗުގައި ފުރިހަމަ ކުޅުމެއް ދައްކާފައެވެ.
"ބޭލް ރެއަލްމެޑްރިޑުގައި މަޑުކުރާނެ. ބޭލްގެ އިތުރުން އެހެން ކުޅުންތެރިންވެސް ރެއަލްމެޑްރިޑްގެ މިޖާޒީއަށް ދޭންޖެހޭ އިޚްތިރާމް އަދާކުރާނެ." މެޗަށްފަހު ރެއަލްމެޑްރިޑްގެ ކޯޗު ޒިދާން ބުންޏެވެ.
ހަޒާޑަށް އަނިޔާވުމާއި ހަމައަށް ޒިދާންގެ އާޕްލޭނުން ބޭލްއަށް ޖާގައެއް ނެތްކަމަށް ޒިދާން ދިޔައީ ބުނަމުންނެވެ. އަދި ބޭލް ވިއްކާލުމަށް ރެއަލްމެޑްރިޑުންވަނީ ވަރަށް މަސައްކަތްވެސް ކޮށްފައެވެ.
ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުން އެތުލެޓިކޯ ބިލްބާއޯއާއި ބައްދަލުކޮށް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 89 މިނަޓްގައި ޖަހައިދިނީ އެތުލެޓިކޯ ބިލްބާއޯގެ އުމުރުން 38 އަހަރުގެ އަރިޒް އަޑުރިޒްއެވެ.
ވޭތުވެދިޔަ ސީޒަންގައިވެސް ލަލީގާ ކާމިޔާބުކޮށްފައިވަނީ ބާސެލޯނާއެވެ. ބާސެލޯނާއިން ލަލީގާ 26 ފަހަރު ކާމިޔާބުކޮށްފައިވާއިރު، ރެއަލްމެޑްރިޑުން ލަލީގާ 33 ފަހަރުވަނީ ކާމިޔާބުކޮށްފައެވެ.