ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް މިއަދު ފަށަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުށަހަޅާފައިވާ މަނީ ލޯންޑެރިންގެ މައްސަލާގައި އެ މަނިކުފާނު މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.

މިއަދު މެންދުރުފަހު 1:30 އަށް ތާވަލްކޮށްފައިވާ މަނީ ލޯންޑެރިންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ދާއިރު، އިއްޔެ ހެނދުނު ވަނީ ދައުވާގެ ލިޔުންތައް އެމަނިކުފާނުގެ ވަކީލުންނާ ހަވާލުކޮށްފަ އެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރީގެ ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވިކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހާމަކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ. މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅޭ ދުވަހުން ފެށިގެން ފަސް ދުވަހުގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ލިޔެކިޔުންތައް ހަވާލުކުރަން ޖެހެ އެވެ. އަދި މައްސަލާގެ އިޖުރާއީ އަޑުއެހުންތައް އެއަށްފަހު ބާއްވަން ޖެހެ އެވެ. މިއަދު އޮންނާނީ މައްސަލާގެ ފުރަތަމަ އިޖުރާއީ އަޑުއެހުމެވެ.

ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ