ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން މި ތިން މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ސ. މީދޫ، ފްލާވަރމީޑް، ޝަމްޝީރު ރިޟްވާން (43އ) އާއި ގ. ސިނަމާލެ 2-04-14، އަޙްމަދު ފަޔާޟް (53އ) އާއި ސ. ހިތަދޫ، ހިރިދަތިމާގެ، އަޙްމަދު ޝަރީފް (32އ) ކަމަށެވެ.
"މި ތިން މީހުންގެ ތެރެއިން ޝަމްޝީރު ރިޟްވާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 11:30 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
އަޙްމަދު ފަޔާޟް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމް ތަންފީޒުކުރުމުގެ މައްސަލައަކާގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 09:00 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.
"އަޙްމަދު ޝަރީފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮގަސްޓް 21 ވަނަ ދުވަހުގެ 10:45 އަށް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެން." ފުލުހުން ވިދާޅުވިއެވެ.
ވީމާ މި ތިން މީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވައެވެ.