ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން ދައުވާގެ ޝަރީއަތެއް އަންނަ ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

މިއަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އަށް ތާވަލްކޮށްފައިވާއިރު، އެދުވަހުގެ މިޝަރީޢަތްވެސް ޓީވީ ވަގުތުން ދުރަށް ދައްކާނެއެވެ. ބެލެވޭ ގޮތުގައި މިޝަރީޢަތުގައި ކުރިއަށްދާނީ ދަޢުލަތުން ހުށައަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.

މިޝަރީޢަތުގެ އަޑުއެހުމެއް އެންމެފަހުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެދުވަހުގެ އަޑުއެހުމުގައި ދަޢުލަތުން ހުށަހެޅި ހެކިންގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަސްވަނީ ނަގާފައެވެ.

އަދި އެދުވަހގުގެ ޝަރީޢަތް ނިންމާލައްވަމުން ދެންއޮންނަ އަޑުއެހުމެއްގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ގިނަ ހެކިންތަކެއްގެ ހެކިބަސް ނަގާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހްމަދު ހައިލަމްވަނީ ވިދާޅުވެފައެވެ.

ދަޢުލަތުން މިމައްސަލަ ސާބިތުކުރުމަށް ޝަރީޢަތަށް ޝަފައީ ހެކީގެ ގޮތުގައި ހުށައަޅާފައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އޭސީސީގެ ކުރީގެ ރައީސް ހުސަން ލުތުފީއާއި، އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތާއި، މުހައްމަދު ވަސީމާއި، ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، ބީއެމްއެލްގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު ލުވެއިޒް އާއި މުހައްމަދު ޝަރީފެވެ.

ކިތާބީ ހެކީގެ ގޮތުގައި އޭސީސީއިން ހެދި އެސްކޮރޯ އެކައުންޓް އެއްބަސްވުމާއި، އޭސީސީގެ ތަހުގީގު ރިޕޯޓާއި، އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓާއި، ރައީސް ޔާމީން އޭސީސީއަށް ދިން ބަޔާނާއި، މައްސަލާގައި ހިމެނޭ ޓްރާންސްސެކްޝަންތަކުގެ ޗެކްތަކާއި، ސްލިޕްތަކާއި، ބޭންކް ސްޓޭޓްމެންޓްތަކާއި، ޔާމީންގެ މާލީ ބަޔާން ހުށައަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް