މަޑު ޖައްސާލުމަށްފަހު ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ އަލުން ދޭން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
ހުޅުމާލެ އަށް އެއްގަމު އުޅަނދު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލަށް އެޗްޑީސީން މިދިޔަ މާޗް މަހު ގެނައި ބަދަލުގައި ބުނެފައިވާ ގޮތުގައި ގަރާޖް ނެތް އުޅަނދުތަކަށް ހުއްދަ ދޫކުރުން އެޗްޑިސީން ވަނީ ހުއްޓާލާފައެވެ.
އަދި އުޅަނދު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކުރެވޭނީ ހަމައެކަނި ހުޅުމާލޭގެ ގޯތި ނުވަތަ ރޯ ހައުސް އަދި ފްލެޓެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބިމީހާ، ފިރިމީހާ، ދަރިން، މަންމަ ނުވަތަ ބައްޕަގެ ނަންމަތީގައި އެކަނި ކަމަށްވެސް އޭރު އެޗްޑީސީން ނިންމިއެވެ.
މިއަދު އެ އުސޫލަށް ގެނައި ބަދަލާއެކު ގޯތި ނުވަތަ ރޯހައުސް ވިއްކުމުގެ އެގްރީމަންޓް އޮތް ފަރާތަކުން އެ ޖާގަ އެހެން މީހަކަށް ދޭން ބޭނުންވާ ނަމަ ދެ ފަރާތުގެ އެއްބަސްވުމުގެ ކޮޕީ އެޗްޑީސީ އަށް ހުށަހެޅުމުން އެ މީހަކަށް ހުއްދަ ދޫކުރާނެ އެވެ.
ނަމަވެސް، ކުރިއެކޭ އެއްގޮތަށް ގަރާޖު ނެތް ތަންތަނަށާއި ރަޖިސްޓްރީ ބާތިލުކުރުމަށް ފަހު އޭގެ ބަދަލުގައި އާ އުޅަނދެއް ގެންނަނަމަ ހުއްދަ ދޫކުރަން ނިންމާފައިވާ އުސޫލަށް ބަދަލެއް ނުގެންނަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
ހުޅުމާލެ އަށް އެއްގަމު އުޅަނދު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުސޫލުގެ ދަށުން އެޗްޑީސީން ހުއްދަ ހޯދަން ޖެހޭނީ ހަތަރު ފުރޮޅުލީ އުޅަނދަށް އެކަންޏެވެ.