ޝަރިއާތް ނިމެންދެން ޖަލުގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒުކުރުމުގެ ގޮތުން އެމަނިކުފާނުމާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ، އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މިއަދު ބޭއްވި އެންމެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްއެވެ.
ޝަރީއަތް ނިމެންދެން އެމަނިކުފާނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނާ ދެކޮޅަށް ހުށަހަޅާފައިވާ ޝަފަވީ ހެކިންގެ ހެކިބަސް ބަދަލުކުރުމަށް ފައިސާ ދިންކަމަށް ސާބިތުކުރުމަށް ދައުލަތުގެ ވަކީލުން ހުށަހެޅި ލިޔުމެއްގެ މައްޗަށް ބިނާކޮށެވެ. ހަމައެއާއެކު އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ރައީސް ޔާމީން ނުފޫޒު ފޯރުވައި އެ މައްސަލަ ހުއްޓުވަން މަސައްކަތް ކުރެއްވިކަން އެނގޭނެ ސިއްރު ލިޔުމެއްވެސް ދައުލަތުން މިއަދު ޝަރީއަތަށް ހުށަހެޅުއްވިއެވެ.
މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި މި ކަންތައްތަކުގެ ދިފާއުގައި ރައީސް ޔާމީން ވިދާޅުވީ، އެ މައްސަލައިގެ ހެކީގެ ގޮތުގައި ހުންނާނީ ބޭންކު ސްޓޭޓްމަންޓްތައް ކަމަށާއި އެއީ ކޮމްޕިއުޓާ ޖެނަރޭޓެޑް ތަކެތިކަމުން އެއަށް ބަދަލެއް ގެވެނޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
ރައީސް ޔާމީން ހައްޔަރުކޮށްގެން މާފުށީ ޖަލަށް ގެންދިއުމުގެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމަކީ ޔާމީންގެ ސަރުކާރުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ޝަރީއަތް އިޖުރާއަތުތަކަށް ބެލުމެއްނެތި ހިންގެވި ގާޒީއެވެ. ހައިލަމް އޭރު ނިންމެވި ގިނަ ނިންމެވުންތައް މަތީ ކޯޓުތަކުން ބާޠިލް ކޮށްފައިވަނީ އިޖުރާއަތުތަކާ ޚިލާފުކަމަށް ވިދާޅުވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ގިނަ ލީޑަރުން މާފުށީ ޖަލުގައި ދުވަސްތައް ހޭދަކުރެއްވިކަން ފާހަގަކޮށްލެވެއެވެ.



