އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ވޯލްވްސް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ލިބުނު ޕެނަލްޓީ ޕޮގްބާ އަތުން މިސްވެ، މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ވޯލްވްސް ދަނޑުގައި ކުޅެވުނު ފޯރިގަދަ މިމެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ ޔުނައިޓެޑްގެ ފަރާތުންނެވެ. މެޗުގެ 27 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއާލްއެވެ. މާޝިއާލް ވައަތުފައިން ކާމިޔާބުކޮށްދިން މިލަނޑަކީ އޭނާ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން 50 ވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ޔުނައިޓެޑް ކުރީގައިއޮވެއެވެ.
ވޯލްވްސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފު ފެށިތާ ދިހަވަނަ މިނަޓްގައެވެ. ރުބެން ނެވެސްގެ ފަރާތުން ފެނިގެންދިޔަ ހިތްގައިމު މިލަނޑު ގޯލަށްވަނީ މަތީ ހުރަސްދަނޑީ ޖެހި ތިރިއަށް ބައުންސްވެފައެވެ.
ދެވަނަ ފަހަރަށް ލީޑު ނަގަން ޔުނައިޓެޑަށް ރަނުގެ ފުރުޞަތެއް ލިބިގެންދިޔައީ ވޯލްވްސްގެ ކޯޑީ ޔުނައިޓެޑްގެ ޕޮގްބާއަށްކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއިންނެވެ. ނަމަވެސް 68 ވަނަ މިނަޓްގައި ޕޮގްބާ ފޮނުވާލި ޕެނަލްޓީވަނީ ވޯލްވްސްގެ ކީޕަރު ރުއި ޕެޓްރީސިއޯ ދިފާޢުކޮށް ބޭރަށް ފޮނުވާލާފައެވެ.
ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް ޔުނައިޓެޑުން އުފައްދާފައިވީނަމަވެސް، އިތުރު ލަނޑެއް ޖެހޭގޮތްނުވެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.