ނިމިގެން މިދިޔައީ ނުވަ ދުވަހުގެ ދިގު ޢީދު ޗުއްޓީއެކެވެ. ގިނަ ބަޔަކު މާލެ ދޫކޮށް އުފާކޮށްލުމަށްޓަކައި އެތަން މިތަނަށް ދަތުރުކުރިއެވެ. ޢީދު މަޖަލުގައި ގިނަ ބަޔަކު ބައިވެރިވެ އުފާކުރިއެވެ. ނަމަވެސް ޢީދު ބަންދާ ދިމާކޮށް ހިތާމަކުރަންޖެހުނު މީހުންވެސް މަދެއް ނުނެވެ.
ފުލުހުން މިއަދު ޢާއްމުކުރި ޢީދު ވަންދުގެ ކުށުގެ ވެށީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވައްކަމާއި ފޭރުން، އަދި ތަކެތި ގެއްލުމާއި، އެކްސިޑެންޓްތައް ޢީދު ބަންދުގައި ގިނައެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަތެކެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮގަސްޓް މަހުގެ 9 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށް، ވައްކަމުގެ 69 މައްސަލަ އަދި ފޭރުމުގެ 13 މައްސަލަ ހުށަހެޅިފައިވާއިރު، ތަކެތި ގެއްލުމުގެ 23 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވެއެވެ.
މީގެ އިތުރުން މާރާމާރީގެ 7 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު، މަސްތުވާތަކެތީގެވެސް 7 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. އަދި ޖިންސީ ގޯނާގެ ދެ މައްސަލައެއް ހުށަހެޅިފައިވާއިރު، ފޮށުމުގެ ދެ މައްސަލަވެސް ފުލުހުންނަށް ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މަގުމަތީގެ އެކްސިޑެންޓްތަކުގެ އަދަދު 40 ގައި ހުރިއިރު، ކަނޑުމަތީގެ އެކްސިޑެންޓްގެ ޢަދަދު އުޅެނީ 5 ގައެވެ.
ޢީދު ބަންދުގެ ތެރޭގައި ފުލުހުންނަށް 206 މައްސަލަ ހުށަހެޅިފައިވާއިރު، އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެގޮތުން މާފަންނު ޕޮލިސް ޕޮލިހަށް 56 މައްސަލަ ހުށަހެޅިފައިވާއިރު، ހެންވޭރު ޕޮލިސް ސްޓޭޝަނަށް 52 މައްސަލަ އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް 36 މައްސަލަ ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.
މީގެ އިތުރުން ގަލޮޅު ޕޮލިސް ސްޓޭޝަނަށް 29 މައްސަލައަކާއި، ވިލިމާލެ ޕޮލިސް ސްޓޭޝަނަށް 7 މައްސަލައެއްގެ އިތުރުން މައްޗަންގޯޅި ޕޮލިސް ސްޓޭޝަނަށް 12 މައްސަލައެއް ހުށަހެޅިފައިވާއިރު އެހެނިހެން ޕޮލިސް ސްޓޭޝަންތަކަށް 14 މައްސަލައެއް ހުށަހެޅިފައިވެއެވެ.
ޢީދު ބަންދަކީ ގިނަ ބަޔަކު ގެދޮރު ދޫކޮށް އެކި ކަންކޮޅުތަކަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީވެ، ވައްކަންކުރާ ފަރާތްތަކުން މިދުވަސްވަރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންހިފައެވެ. އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން ވަނީ މި ޢީދު ބަންދާ ދިމާކޮށްގެން ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާފައެވެ.