ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އޮސްމާނު ޑެމްބެލޭއަށް އަނިޔާވެ، ބާސެލޯނާއަށް ހާސްކަމާއި ކުރިމަތި ލާން ޖެހިއްޖެއެވެ.
ސީޒަންގެ ލަލީގާ ހުޅިވި މެޗުގައި އެތުލެޓިކް ބިލްބާއޯއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ޑެމްބެލޭއަށް އަނިޔާވެފައިވާއިރު، މިއަނިޔާއާއެކު އޭނާވަނީ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައެވެ.
ޑޯޓުމުންޑް ދޫކޮށް ބާސެލޯނާއާއި ޑެމްބެލޭ ގުޅުނީ 2017 ވަނަ އަހަރުއެވެ. އޭގެފަހުން ގިނަ އިންޖަރީތަކެއް ޑެމްބެލޭއަށް ވެފައިވާއިރު، ގިނަ ދުވަސްތަކެއް ވަންދެއް ކުޅުމާއި ދުރުގައި ހޭދަކޮށްފައިވެއެވެ.
މިއަހަރުގެ ސީޒަން މިދިޔަ ހަފްތާ ބަންދުގައި ފެށިފައިވާއިރު އެކްލަބުގެ ފޯވާޑުންނަށްވަނީ ފިޓްނެސްގެ މައްސަލަތަކާއި ކުރިމަތިވެފައެވެ. ކެޕްޓަން ލިއޮނަލް މެސީ ސީޒަން ހުޅުވިމެޗުގައި ކުޅެފައިނުވާއިރު، އެތުލެޓިކް އާއި ދެކޮޅަށް ކުޅުނު ސީޒަންގެ ފުރަތަމަ މެޗުގައި ސުއަރޭޒަށްވަނީ އަނިޔާވެފައެވެ.
އަނެއްކޮޅުން ބާސެލޯނާއިންވަނީ މިދިޔަ ސީޒަންގައި އެކްލަބުގެ ކުރިއަށް ކުޅުނު ކުޓީނިއޯއާއި މެލްކަމް ވިއްކާލާފައެވެ. އޭގެ ބަދަލުގައި ފްރާންސްގެ ގްރިޒްމަން ކަލްބަށް ގެނެސްފައިވާއިރު، ގްރިޒްމަން ކްލަބަށް ހޭނެއް އަދި ދުވަސް ނަގާނެކަމަށް ބެލެވެއެވެ.
ސީޒަން ހުޅުވި މެޗުގައި އެތުލެޓިކް ބިލްބާއޯއާއި ބައްދަލުކޮށް 1-0 ގެ ނަތީޖާއަކުން ބާސެލޯނާ އެމެޗުން ދަށްވެފައިވާއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 89 މިނަޓްގައި ޖަހައިދިނީ އެތުލެޓިކޯ ބިލްބާއޯގެ އުމުރުން 38 އަހަރުގެ އަރިޒް އަޑުރިޒްއެވެ. މިއީ ދިހަ އަހަރަށް ފަހު ލީގުގެ ފުރަތަމަ މެޗުން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ.
ބާސެލޯނާއަށް އިތުރު ހިތްހަމަޖެހުމެއް ލިބެން ދެން އޮތީ ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ އަނބުރާ ކްލަބަށް ގެނެވިގެންނެވެ. ޤަބޫލުކުރެވޭގޮތުގައި ކުރިއަށް މަދު ދުވަސްކޮޅުގައި ނޭމާ އަނބުރާ ކްލަބަށް ގެންނަން ބާސެލޯނާއިން ވަރަށް މަސައްކަތްކުރާނެއެވެ.