ބާސެލޯނާގެ 7 ނަންބަރުގައި ކުޅެމުންއައި ކުޓީނިއޯ އެކްލަބު ދޫކޮށް ޖަރުމަނުގެ ބަޔާން މިއުނިކާއި ގުޅުނުނަމަވެސް، މިދިޔަ ޖުލައިމަހު ބާސެލޯނާއާއި ގުޅުނު ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަންއަން އެނަންބަރަށް މިސީޒަންގައި ނުކުޅެވޭނެއެވެ.
ގްރިޒްމަންއަކީ އާންމުކޮށް 7 ނަންބަރަށް ކުޅޭ ކުޅުންތެރިއެކެވެ. ޤައުމީޓީމުގައި ފްރާންސްގެ 7 ނަންބަރަށް ކުޅޭއިރު އެތުލެޓިކޯ މެޑްރިގައިވެސް އޭނާ ކުޅެފައިވަނީ 7 ނަންބަރު ޖާޒީގައެވެ. އެހެންނަމަވެސް ޖުލައިމަހު ބާސެލޯނާއާއި ގުޅުނު ގްރިޒްމަން ރަސްމީކޮށް އެކްލަބުން ދައްކާލީ 17 ނަންބަރު ޖާޒީއާއެކުގައެވެ. އޭރު ބާސެލޯނާގެ 7 ނަންބަރަށް ކުޅެމުންއައީ ފިލިޕޭ ކުޓީނިއޯއެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޤަވާޢިދު ބުނާގޮތުން ކޮންމެ ކުޅުންތެރިއެއްވެސް މުޅި ސީޒަން ނިންމާލަންވާނީ އެއް ނަންބަރެއްގައެވެ. އޮފިޝަލް މެޗެއް ކުޅުމަށްފަހު ކުޅުންތެރިޔާގެ ޖާޒީ ނަންބަރު ބަދަލުނުކުރެވޭނެކަމަށް މިޤަވާޢިދުބުނެއެވެ.
މިސީޒަންގެ ލަލީގާ ހުޅުވި މެޗުގައި އެތުލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައި ގްރިޒްމަން ކުޅެފައިވާއިރު، ގްރިޒްމަން އެމެޗު ކުޅެފައިވަނީ 17 ނަންބަރު ޖާޒީގައެވެ. އެހެންކަމުން ގްރިޒްމަން މިސީޒަން ނިންމާލަންޖެހޭނީވެސް އެނަންބަރު ޖާޒީގައެވެ.
2018 ވަނަ އަހަރުގެ ޖެނުއަރީމަހު ލިވަޕޫލް ދޫކޮށް ބާސެލޯނާއާއި ގުޅުނު ކުޓީނިއޯއަށް ބާސެލޯނާގައި ހޭދަކުރި ސީޒަންގައި އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، ނިމުނު ސީޒަންގައި ކުޓީނިއޯ ބާސެލޯނާއަށް ކުޅެދިން 54 މެޗުން ކާމިޔާބުކޮށްދެވުނީ އެންމެ 11 ލަނޑެވެ.
ބާސެލޯނާއިން ކުޓީނިއޯ ލޯނު ޢުޞޫލުން ޖަރުމަނުގެ ބަޔާން މިއުނިކަށް ކުރިއަށްއޮތް ސީޒަނަށް ވިއްކާލާފައިވަނީ 8.5 މިލިއަން ޔޫރޯއަށެވެ. އަދި ސީޒަން ނިމުމަށްފަހު ބަޔާނުން ކުޓީނިއޯ ގަންނަން ބޭނުންނަމަ އިތުރަށް 120 މިލިއަން ޔޫރޯ ޚަރަދު ކުރަންޖެހޭނެއެވެ.
އެހެން ކަމުން މިސީޒަންގައި ބާސެލޯނާގެ ކުރި ބަލަހަށްޓަންހުރީ ގްރިޒްމަން، މެސީ، ސުއަރޭޒް އަދި ޑެމްބެލޭއެވެ. އެހެންނަމަވެސް ޑެމްބެލޭއަށް އަނިޔާވެ ބާސެލޯނާއަށް ހާސްކަން ކުރިމަތިވެފައިވާއިރު، ސުއަރޭޒްއަށްވެސްވަނީ ލަލީގާ ހުޅުވި މެޗުގައި އަނިޔާވެފައެވެ.






