ހޮންކޮންގައި މިހާރު ހިނގަމުންދާ މުޒާހަރާތަކާއި ގުޅޭ ދޮގު މައުލޫމާތު ފަތުރަމުންދިޔަ ގިނަ އަދަދެއްގެ ފޭސްބުކް އަދި ޓުވިޓަރ އެކައުންޓް ތަކެއް އެ ދެކުންފުނިން ޑިލީޓު ކޮށްލައިފި އެވެ.
ފޭސްބުކް އަދި ޓުވިޓަރ އިން ބުނެފައިވަނީ، ޗައިނާ ސަރުކާރުން ފަހަތުގައި ތިބެ ހޮންކޮންގައި ހިނގަމުންދާ މުޒާހަރާތަކާއި ގުޅޭ ދޮގު މައުލޫމާތު ފެތުރުމަށް ހުޅުވައިފައިވާ އެކައުންޓްތަކެއް ފާހަގަ ކުރެވި އެ އެކައުންޓްތައް ޑިލީޓް ކޮށްލައިފައި ވާކަމަށެވެ.
މިގޮތުން ޓުވިޓަރ އިން 936 އެކައުންޓް ޑިލީޓް ކޮށްލައިފައި ވާއިރު ފޭސްބުކް އިންވަނީ ހަތް ޕޭޖާއި، ތިން ގުރޫޕާއި، އަދި ފަސް އެކައުންޓް ޑިލީޓް ކޮށްލައިފައެވެ.
ފޭސްބުކްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ވިދާޅުވެފައިވަނީ، މި އެކައުންޓްތަކުން އާންމު ގޮތެއްގައި ޕޯސްޓް ކުރަމުންދަނީ ހޮންކޮންގެ މުޒާހަރާތަކާއި ގުޅޭ ޚަބަރުތަކާއި އަދި މިނޫންވެސް ސިޔާސީ ޚަބަރުތައް ކަމަށެވެ.
ފާއިތުވި ދެ ހަފްތާގައި ފޭސްބުކް އަދި ޓުވިޓާގެ މިއެކައުންޓުތަކުން، ދިޔައީ ފުލުހުން މުޒާހަރާގެ ބައިވެރިންނާ މެދު ލާއިންސާނީ އަމަލުތަށް ހިންގަމުންދާ ފޮޓޯތައް އާންމު ކުރަމުންނެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ބޮޑު ނަފްރަތެއްވަނީ މުޒާހަރާކުރާ ފަރާތްތަކަށް ރައްދުވެފައެވެ.




