މާނާފުށި (1)

އަހަރެންގެ ނަމަކީ ނުހާއެވެ. އުމުރުން 24 އަހަރެވެ. އަދި މީހަކާ ނީންނަމެވެ. ވަޒީފާ އަދާކުރަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގައެވެ. އަހަންނަކީ ޢާއިލާގެ ހަތަރު މެމްބަރުންގެ ތެރެއިން އެންމެ ހަގު މެމްބަރެވެ. އަހަރެން މީ މަންމައާއި ބައްޕައަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅެވެ. އަހަންނަކީ ކެރޭ އަންހެނެކެވެ. ކުޑައިރުވެސް ބޭބެމެންނާއި އަވަށްޓެރި ފިރިހެން ކުދިންނާއެކު ރޭސް ޖަހަމެވެ. ފެތުމުގައިވެސް ފިރިހެން ކުދިންނާއި އެއްކޮށް ވާދަކޮށް އެއްވަނަ ހޯދަމެވެ. ސްކޫލް ދައުރުގައިވެސް އަހަރެން ބައިވެރި ނުވާ ކުޅިވަރެއް ނޯންނާނެއެވެ. ވޮލީ، ނެޓްބޯޅަ، ބާސްކެޓް ބޯޅަ، ބެޑްމިންޓަން، ދުވުން، ފެތުން މިއީ ހައްތާވެސް އަހަރެން ބައިވެރިވެ ރަން ވަނަތައް ހޯދާފައިވާ ކުޅިވަރުތަކެވެ. ރަށުން އޯލެވެލް ނިންމުމަށްފަހު އަހަރެން މަންމައާއި ބައްޕަ އަދި އަހަންނާއި ޖެހިގެން ދޮށްޓަށް ތިބޭ ދެ ބޭބެއާއެކު މާލެ ބަދަލުވީ އިތުރަށް ކިޔެވުމުގެ ފުރުސަތު ރަށުގައި މަގުފަހިވެފައި ނެތުމުންނެވެ. އޭލެވެލް ނިންމުމަށްފަހު އަހަރެން ބޭނުންވީ ފުލުހުންގެ އިދާރާއާ ގުޅޭށެވެ. ޤައުމަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި މަޤުޞަދުގައެވެ. ވަޒީފާގައި އުޅުނެއްކަމަކު އަހަރެން ކުޅިވަރުކުޅުން ދޫކޮށެއް ނުލަމެވެ. ޚާއްޞަކޮށް ފެތުމެވެ. އެންމެ ކުޑައިރުއްސުރެވެސް އަހަންނަކީ ކަންކަން ހޯދާ، ބަލާ، ދިރާސާކުރުމަށް ޝައުޤުވެރިވާ ކުއްޖެކެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް ދަތުރުކުރުމަކީ އަހަރެންގެ ހުވަފެނެކެވެ.  މިހާރުވެސް ފަސް ޤައުމަކަށް ދެވިއްޖެއެވެ.

މިފަހަރު އަހަރީ ޗުއްޓީ ނަގައިގެން އަހަރެން ބޭނުންވީ ރަށަށްދާށެވެ. އެއީ އަހަރެން ވަރަށް ކުރިއްސުރެ ހޯދަން ބޭނުންވެފައިވާ ކަމެއް ހޯދުމުގެ ނިޔަތުގައެވެ. މި ދަތުރުގައި އަހަންނާއެކު ޕޮލިހުގެ ރައްޓެހި އިތުރު އަންހެން ކުއްޖަކާއި ދެ ފިރިހެން ކުދިން ބައިވެރިވިއެވެ. ނަމަވެސް އަހަރެން ހޯދަން ބޭނުންވާ ކަންތައް އަހަރެންގެ ޢާއިލާއަކަށް ނާންގަމެވެ. އެއީ އެކަން އެނގިއްޖެނަމަ ހުއްޓުވަން އުޅޭނެކަން އަހަންނަށް ޔަޤީންވާތީއެވެ. އެކަމަކީ ވަރަށްވެސް އާދަޔާ ޚިލާފު ކަމެކެވެ. އެއީ އަތޮޅުގައި އޮންނަ ފަޅުރަށެއްގެ ޙަޤީޤަތް ހޯދުމެވެ. އެންމެ ކުޑައިރުއްސުރެ އަހަރެން އަޑު އަހަމުން އައީ އެރަށަށް ދާ މީހުން އެނބުރި ނާންނަ ވާހަކައެވެ. ސަބަބު ބުނެދޭކަށް އެކަކަށްވެސް ނޭނގެއެވެ. މަންމަމެން ބުނާގޮތުން ނަމަ އެރަށަކީ އެންމެ ކުރިން މީހުން ވެލި ނަގަން ގޮސް އުޅުނު ރަށެކެވެ. ނަމަވެސް މުނި ކާފަމެން ޒަމާނުގައި އެއް ފަހަރަކު ރަށު ފިރިހެނުންތަކެއް ވެލި ބަލާ ދިއުމަށްފަހު އެނބުރިއެއް ނާދެއެވެ. އެ ޒަމާނަކީ ޓެކްނޮލޮޖީ އެހާ ކުރިއަރާފައިވާ ޒަމާނެއް ނޫންކަމުން ރަށު ރައްޔިތުން ކުރި މަސައްކަތުން އެމީހުން ފެނިފައެއް ނުވެއެވެ. އޭގެ ފަހުންވެސް އަތޮޅުގެ އެހެން ރަށަކުން އެރަށަށް ދިޔަ އިތުރު ދެ ފިރިހެނަކުވެސް އަނބުރާ ނާންނަކަމުގައި ތުން ތުން މަތިން ވަނީ އަޑު އިވިފައެވެ. އެހެންކަމުން މަންމަމެންނަށްވެސް އެރަށަށް ދިއުން އޮތީ މަނާކޮށްފައެވެ.

އެރަށަށް ކިޔަނީ މާނާފުށްޓެވެ. އަހަރެމެންގެ ރަށުން ފުރައިގެން 30 މިނެޓުން އެރަށަށް ދެވޭނެއެވެ. އެ ރަށް އޮންނަނީ އަތޮޅުގެ އެހެން ރަށްރަށާއި ތަންކޮޅެއް ދުރުގައި، އެކަހެރިކޮށެވެ. ދަތުރުކުރާއިރު ތަންކޮޅެއް ދުރުން އެރަށް އަހަންނަށްވަނީ ފެނިފައެވެ. އެއީ ވަރަށް ބޮޑު ރަށެކެވެ. ފަޅުވެސް އެހާ ބޮޑެވެ. ފެންނަ ފެނުމަށް ގޮނޑުދޮށުގައި ވަރަށް ބޮޑު ފަސްގަނޑެއް އޮވެއެވެ.

ކޮންމެއަކަސް ރައްޓެހި ތިން ކުދިންނާއިއެކު އަހަރެންގެ ރަށަށް ފުރީ މިފަހަރު މާނާފުށީގެ ޙަޤީޤަތް ހޯދުމުގެ ނިޔަތުގައެވެ. އަހަރެމެން ހަތަރު މީހުންނަކީވެސް ކަންކަމުގައި ޖެހިލުން ކުޑަ ހަތަރު މީހުންނެވެ. އަހަރެމެންގެ ރަޙުމަތްތެރިކަން ވަރުގަދަވީވެސް އެންމެންގެ މިޒާޖު އެއްގޮތްކަމުންނެވެ. ކަންކަން ހޯދުމަކީ އަހަރެމެން އެންމެންވެސް ވަރަށް ކުރާހިތްވާ ކަމެކެވެ. ރަށަށް ދިޔަ ދުވަހު އަހަރެމެން މާނާފުށްޓަށް ދިއުމުގެ ތައްޔާރީތައް ވާން ފެށީމެވެ. ރަށުގައި ހުންނަ އަހަރެންގެ އެންމެ ބޮޑު ބޭބެގެ އެހީގައި، އަމިއްލައަށް ދުއްވާގޮތަށް ބޮޑުދައިތަގެ ކުޑަ ދޯނި ހަމަޖެއްސީމެވެ. ބޭބެމެން ކައިރީގައި ބުނީ އަތޮޅުގެ އެކި ރަށްރަށް ބަލާލަން ކުރާ ދަތުރެއްކަމުގައެވެ. އަހަރެމެން ދެ ދުވަހާއި ދެ ރެއަށް ވާވަރަށް ދޯންޏަށް ކާ އެއްޗެހި އެރުވީމެވެ. އެރަށުގައި މަޑުކުރަން ރޭވީ ޓެންޓު ޖަހައިގެންނެވެ. އެގޮތަށް ފަޅު ރަށްރަށުގައި ކޭމްޕް ކުރުމަކީ އަހަރެމެންނަށް އައު ކަމެއް ނޫނެވެ.

ޖެހިގެން އައި ދުވަހު އިރު ފެނުން ތޮޅެލިއިރު އަހަރެމެން ދަތުރަށް ފަށައިފީމެވެ. ހުންގާނުގައި ހުރީ ޒާހިދެވެ. އޭނާ ދުއްވަމުން ދިޔައީ އަހަރެންގެ އިރުޝާދުގެ ދަށުންނެވެ. ބައްޕައާއި ބޭބެމެންނާއެކު ކުރިން އެހިސާބަށް މަސް ދަތުރު ގޮސްފައި ހުރުމުން އެއީ އަހަންނަށް މާ އުނދަގޫކަމަކަށް ނުވިއެވެ. ދުވަހަކީ ވައި މަޑު، ކަނޑު މަޑު، މޫސުމް ރީތި ދުވަހެކެވެ. ވަރަށް ފޯރީގައި ސަކަރާތް ޖަހަމުން ބައިގަޑިއިރު ތެރޭގައި އެރަށު ފަޅަށް އަހަރެމެންނަށް ވަދެވިއްޖެއެވެ. ރަށާއި ކައިރިވި ވަރަކަށް ރަށުގެ ބޮޑުކަމާއި ރީތިކަން ދިޔައީ ފެންނަމުންނެވެ. ލޮލަށް ފެންނަމުން ދިޔަ ރީތި ވިލާއި، ރަށުގެ މަލަމަތި ފޮޓޯ ނެގުމަށްޓަކައި އަހަރެން ޖިންސު ޖީބުގައި އޮތް ފޯނު ނެގީމެވެ. ނަމަވެސް ބަލައިލިއިރު ފޯނު އޮތީ ނިވިފައެވެ. އުޅެ އުޅެ ފޯނު އޮން ވާގޮތެއް ނުވިއެވެ. ނަމަވެސް ރޭގައި އަހަރެން ނިދީ ފޯނު ޗާޖަށް ޖަހާފައެވެ. ފަތިހު ހޭލާފައި ބެޓެރީ ހުރި ވަރު ބަލާލެވިފައި ނުވާތީ، ފޯނު ރަނގަޅަށް ޗާޖަށް ނުޖެހެނީކަމުގައި އަހަރެން ނިންމީމެވެ. ކޮންމެ މީހަކުވެސް ދޭއް ނޫނީ ތިން ޕަވަރބޭންކު ގެނައެވެ. އެހެންކަމުން ރަށަށް ފައިބާ ހަމަޖެހިލުމަށްފަހު ފޯނު ޗާޖަށް ޖަހަންވެގެން އަނބުރާ ފޯނު ޖީބަށް ލީމެވެ. ނަގިލިލާ، ރަނގަޅަށް ދޯނި އެޅުމަށްފަހު، ގެނައި ސާމާނު ބޭލުމަށް އެންމެން އަވަސްވެގަތީމެވެ. ގޮނޑުދޮށުގައި އެންމެ ގާކޮޅެއްވެސް ނެތެވެ. އެހާވެސް އެ ފަސްގަނޑު ރީއްޗެވެ. ރަށުތެރެއަށް އަރާ، ގޮނޑުދޮށާ މާ ދުރު ނޫން ހިސާބެއްގައި ގެނައި އެއްޗެހިތައް ބަހައްޓާފައި އަވަހަށް ދެ ޓެންޓު ޖެހުމަށް އަހަރެމެން އަވަސްވެގަތީމެވެ. ޓެންޓް ޖަހާ ނިމުމުން ހެނދުނުގެ ނާސްތާކުރުމަށްފަހު ކުޑަކޮށް ވަރުބަލި ފިލަވާލަން ނިދާލުމަށް ދެބައިމީހުން ޓެންޓަށް ވަނީމެވެ. އަހަންނާއި ޒީނާ އެއް ޓެންޓްގައެވެ. ޒާހިދާއި ޝިޔާން އަނެއް ޓެންޓްގައެވެ. ދެ ޓެންޓް ޖެހީ ކައިރި ކައިރީގައެވެ.

ނިދާލުމަށްފަހު އަހަންނަށް ހޭލެވުނުއިރު ޒީނާ އޮތީ އަދިވެސް ގަދަ ނިދީގައެވެ. ފޯނު ނިވިފައި އޮތްކަން ހަނދާންވީ ގަޑިން ވީ ވަރެއް ބަލާލަން ފޯނު ޖީބުން ނެގުމުންނެވެ. ޗޮކެއް ކަނޑާލާފައި ތެދުވެގެން ގޮސް ދަބަހުން ޕަވަރބޭންކް ނަގާ ފޯނު ޗާޖަށް ޖެހުމަށްފަހު އަހަރެން ޓެންޓުން ނުކުތީމެވެ. އޭރު ޒާހިދުވެސް ޓެންޓް ބޭރުގައި އޮށޯވެލައިގެން އޮތެވެ.

"ގަޑިން ކިހާ އިރެއް ވެއްޖެތަ؟" އަހަރެން ޒާހިދާ ސުވާލުކުރީމެވެ.

"ނޭނގެ މަށަކަށް. މަގޭ ފޯނު އޮތީ ނިވިފަ." ކުޑަކޮށް ބޯ ހިއްލާލާފައި އަހަންނާ ދިމާއަށް ބަލާލަމުން ޒާހިދު ޖަވާބު ދިނެވެ.

"މަގޭ ފޯނުވެސް ނިވިގެން ޗާޖަށް ޖަހާފަ މިއައީ. ކޮބާ ޝިޔާން؟ އަދިވެސް ނުހޭލާތަ؟" ޒާހިދު ކައިރީގައި އިށީންނަމުން އަހަރެން އަހާލީމެވެ.

"ހިނގާ އެމީހުންނަށް ގޮވައިގެން ނަގަން. މިހެން ތިބޭނެ ކަމެއް ނެތެއްނު. ރަށު ތެރެ ބާލާލަން ދާން ހިނގާ. ދެ ދުވަހުންވެސް ނޭނގެ މިއޮއް ބޮޑު ރަށް ބަލާ ނިމޭނެކަމެއް." އެހެން ބުނެފައި އަހަރެން ޒީނާއަށް ގޮވަން ޓެންޓާއި ދިމާއަށް ހިނގައިގަތީމެވެ. ޒާހިދުވެސް ތެދުވެ ވެލި ފޮޅާލުމަށްފަހު އެމީހުންގެ ޓެންޓާއިސ ދިމާއަށް މިސްރާބު ޖެހިއެވެ.  

އަނެއް ދެމީހުންނަށް ގޮވާ ތެދުކޮށްގެން، ބޯނެ ހަތަރު ދަޅާއި، ކާލާނެ ލުއި ކާނާ ކޮޅަކާއި، ބޯ ފެން އަދި ދެ ވަޅި ދަބަހަކަށް ލައިގެން ރަށުތެރެ ބަލާލަން އެންމެން ނުކުތީމެވެ. ގޮނޑުދޮށަށް ނުނިކުމެ އަހަރެމެން މިސްރާބު ޖެހީ ރަށު ތެރެއިންލާފައި އެތެރެ ބަލާލުމަށެވެ. ރަށުގައި ރުކާއި، ދިއްގާ، ކާނި، އަދި ނިކަ ގަސް، ގިނަ އަދަދަކަށް ހުރިކަން ފާހަގަކުރެވުނެވެ. ފާޑު ފާޑުގެ މޫ ލާފައި ހުރި ގަސް ގަހާއި، ނަން ނޭނގޭ އެކި ބާވަތުގެ ބިޔަ ގަސްގަސްވެސް ވަލު ތެރޭގައި ހުއްޓެވެ. ހިނގާ ހިނގާ ވަރުބަލިވެގެން ކުޑަކޮށް އަރާމުކޮށްލައި، އެއްޗެއް ކާލަން ނިކަ ގަހެއްހެ ހިޔަލުގައި އެންމެން މަޑުކޮށްލީމެވެ. ފޯނު ނުހުޅުވޭތީ އަހަރެން އައީ ފޯނު ޗާޖަށް ޖަހާފައެވެ. އޭރުވެސް ގަޑިން ވީ އިރެއް އަހަންނަކަށް ނޭނގެއެވެ. ރަށުގެ ބޮޑުކަމާއި ރީތިކަމުގެ ވާހަކަ ދައްކަމުން ގޮސް އަނެއްކާވެސް ގަޑިން ވީވަރެއް ބަލާލަން އަހަރެން ހަނދާންވިއެވެ. ނަމާދު ކުރަންވެސް އެނގޭނީ ގަޑި އެނގިގެންކަމުގައިވާތީއެވެ. އެހެންކަމުން ޝިޔާން ކައިރިން އަހަރެން ގަޑި އަހާލީމެވެ. އެކަކުވެސް އަތުގައި އަޅާ ގަޑިއެއް ނުގެނެއެވެ.

"ޝިޔާން ގަޑިން ކިހާ އިރެއް ވެއްޖެތަ؟" ރެޑް ބުލް ދަޅެއް ކަނޑާލަމުން އަހަރެން އެހީމެވެ.

"ފޯނު ނިވިގެން ޗާޖަށް ޖަހާފަ މިއައީ. ޓެންޓަށް ވަދެ ނިދަން އޮށޯންނަމުން ބަލާލި އިރު އޭތި އޮތީ ނިވިފަ."

"ޒީނާގެ ފޯނު ކޮބާ؟" ޒީނާ ކައިރިން އަހަރެން އަހާލީމެވެ.

"މަގޭ ފޯނުވެސް ނިވިފަ. އެކަމަކު އަހަރެން ދޯންޏަށް އަރަމުން ފޮޓޮއެއް ނަގާލަން ފޯނު ނެގިއިރުވެސް %80 ޗާޖު ހުރި. އެކަމަކު މިރަށަށް އައިސް ފޯނު ނެގިއިރު އެ އޮތީ މަރުވެފަ." ތެލުލި ބަނބުކެޔޮ ފޮއްޗެއް ހަފާލަމުން ޒީނާ ޖަވާބު ދިނެވެ.

އެވަގުތު އަހަންނާއި ޒާހިދަށް އެކަކު އަނެކަކާ ދިމާއަށް ބަލާލެވުނެވެ. އެންމެންގެ ފޯނު އެއްފަހަރާ ނިވެންވީ ކީއްވެ ހެއްޔެވެ؟ އެވެސް މިރަށު ފަޅުން ވަތް ފަހުންނެވެ.

"ތި ދެމީހުންގެ ފޯނުވެސް ނިވުނީތަ؟" އަހަރެމެން ބަލާލި ގޮތުން ސުވާލުގެ ނަޒަރަކުން ބަލާލަމުން ޝިޔާން އަހާލިއެވެ.

"އާނ. އަހަރެން ދޯނީގައި ހުރެފަވެސް ފޯނެއް އައިސްގެން ޖަވާބު ދިނިން. އެކަމަކު މިރަށަށް ފައިބާފަ ބަލާލިއިރު އޮތީ ނިވިފަ. ހުޅުވަން އުޅެ އުޅެ ނުހުޅުވުނު. އެހެންވެ ޕަވަރބޭންކަށް ޗާޖަށް ޖަހާފަ މިއައީ. ދެންމެ އަންނަންވެގެން ހުޅުވަން އުޅެ އުޅެވެސް ހުޅުވޭގޮތެއް ނުވި." ޒާހިދު އޮޅުންފިލުވައިދިނެވެ.

"މިއީ ގޯހެއްތަ އަނެއްކާ؟ އަހަރެން ކުޑަކޮށް ބިރު ގަންނަން ފަށައިފި." ޒީނާ އަހަރެންނާއި ދިމާއަށް ބަލާލަމުން ބުންޏެވެ.

"ހަހަހަހަ. އެއްކަލަ ޒީނާ. ޒީނާ ނޭވާ ދެކޮޅު އަރި އަރިއަށް ފޮޓޯ ނަގާ، މީސް މީހުންނަށް ސްނެޕްކޮށް، އިންސްޓަގްރާމަށްލާ، ޓްވީޓްކޮށް، އަނެއް ކަމެއް ކުރަންޏާ ޗާޖެއް ނުހިފަހައްޓާނެ ދޯ. އެއަށްވެސް ކެތްވާނީ ވަކި ވަރަކަށްނު." ޒާހިދު ޒީނާ އާ ދިމާކުރަން ފެށިއެވެ. އެވަގުތު ޒީނާ ތުން އޫ ކޮށްލާފައި ކާން އިންތަނުން ތެލުލި ބަނބުކެޔޮ ފޮއްޗެއް ޒާހިދާ ދިމާއަށް އެއްލިއެވެ. ހިނި އައިވަރުން އަހަރެން ކޮށި ނޭރީ ކިރިޔާއެވެ. އޭރު ޝިޔާންވެސް ބިނދި ބިނދިފައި ހެނީއެވެ.

އެތަނުގައި އިރުކޮޅަކު ތިބުމަށްފަހު، ނަމާދުކޮށް، މެންދުރު ކެއުމަށްޓަކައި، އައި މަގުން އަހަރެމެން ހިނގައިގަތީމެވެ. އެންމެ ކުރީގައި ހުރީ ޒާހިދެވެ. އޭނާ ދެއްކި ދިމާއަކުން އަހަރެމެން ފަހަތުގައި ތިބެގެން ހިނގަމުން ދިޔައީމެވެ. ޓެންޓްތަކާ ހަމައަށް ދިއުމަށްފަހު ފުރަތަމަ އަވަސްވެގަތީ ނަމާދުކުރާށެވެ. އެއަށްފަހު އެންމެންވެގެން އުނދުނެއް ޖަހާ ނޫޑްލްސް ކައްކަން ތައްޔާރުކުރީމެވެ. އަހަރެމެން ކާ ތަށްޓެއް ނުގެންނަމަވެ. ދަތުރު އައިސް އާންމުކޮށް އަހަރެމެން ކަނީ ފަތަށް އަޅައިގެންނެވެ. އެހެންކަމުން ޝިޔާނާއި ޒީނާ މަގޫ ފަތް ބިންނަން ހޭޅި ފަށަށް ފޮނުވުމަށްފަހު އަހަންނާއި ޒާހިދު އުޅުނީ ބޯނެ ދަޅާއި ފެންފުޅި ނެގުމަށެވެ. އަހަރެމެން ދެމީހުން އެކަމުގައި މަސްއޫލުވެގެން ތިއްބާ ކުއްލިއަކަށް ޒީނާ ދުވަމުން ދުވަމުން އައިސް ހަޅޭލަވައިގަތެވެ.

"އޭތް ދޯންޏެއް ނެތް!....... ޝިޔާން މުޅި އެ ހިސާބު އެބަ ބަލާ..... ހިނގާބަލަ އަވަހަށް." މާނޭވާ ލަމުން ޒީނާ އަނެއްކާވެސް އައި ކޮޅަށް ދުއްވައިގަތެވެ. ޒީނާ ފަހަތުން އަހަންނާއި ޒާހިދުވެސް ދުއްވައިގަތީމެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
92
ގުޅުންހުރި ލިޔުންތައް

ހިޔާލު

 1. ♥️ DhonKanbulow ♥️

  ވަރަށް ރީތި… ސަމާ މަބޭނުން ތިރަށް ބަލާލަންދާން… ދެވަނަ ބައި ކިޔާހިތުން މިހުރީ

 2. މީހެއް

  Aneh bai kon irakun v reethi vaane hen heevanee

  • Sama

   Next Thursday

 3. ރިފޫ

  ދެވަނަ ބަޔަށް އިންތިޒާރު އެބަކުރަން?

 4. ިއިކާން

  ކޮންއިރަކުން އަނެއް ބައި؟ ވވވވވ ރީތި

  • Sama

   Next Thursday

 5. Angel

  varah reethi vaahaka. aneh bayaige inghizaaruga kehmadhuvefa mihuree.. ❤

 6. Beybe

  Maa dhigulaigen dhanyaa ehaa kamaku nudhaane. Ekamaku varah reethi mibai ves.

 7. އިއްކޮ

  މާޝާﷲ.. ހާދަ ރީތި ވާހަކައެކޭ. ދެން އަންނަ ބަޔަކަށް ވަރަށް އިންތިޒާރު ކުރެވޭ އެބަ. ގުޑް ލަކް ސަމާ.. 3>

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް