ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިވެރިޔާ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ކޯޓަށް ހާޒިރުނުކުރެވިގެން ޝަރީއަތް މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު 09:30 ގައި ފެށި ހެކިބަސް ދިނުމުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހެކިބަސް ނަގާފައިވަނީ ކުރިން ދުވަހުވެސް ހެކިބަސް ދެއްވި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނަގާ ނިމިފައިވަނީ 11:20 ހާއިރުއެވެ.
މުއައްވިޒްގެ ހެކިބަސް ނަގާ ނިމުމުން ދެން ހާޒިރުކުރުމަށް ހަމަޖެހިފައި އޮތީ ރައީސް ޔާމީންގެ ވެރިކަމުގެ ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބެވެ.
ނަމަވެސް، ދައުލަތުގެ ވަކީލުން ވިދާޅުވީ، 11:00 އަށް އަދީބު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިވަޑައިގެންނެވި ކަމަށެވެ. އަދީބު މިވަގުތު ހުންނެވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުގައެވެ.
ގަޑިއަށް ކޯޓަށް އަދީބު ހާޒިރުކުރެވިފައި ނުވާއިރު، މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޟީ އަޙްމަދު ހައިލަމް ވިދާޅުވީ، 11:00 އަށް އަދީބު ކޯޓަށް ހާޒިރުކުރުމަށް ދައުލަތަށް އަންގާފައިވާނެ ކަމަށާއި، ގަޑިން 11:25 ވީއިރުވެސް ހާޒިރުކުރެވިފައި ނުވާ ކަމަށެވެ.
އިތުރަށް ހައިލަމް ވިދާޅުވީ، އަދީބު ހާޒިރުކުރުމުން ހެކިބަސް ނެގުމުގެ ޝަރީއަތް އަލުން ފަށްޓަވާނެ ކަމަށެވެ.