2015 ގައި ރައީސް ޔާމީންގެ ކެމްޕޭން ފައިސާއެއް ނުހުންނާނެ ކަމަށާއި، ކެމްޕޭން ފައިސާގެ ކަންތަކުގައި ނުގުޅާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާގެ ކަންތަކުގައި ވަރަށް ގިނައިން ގުޅުއްވާ ކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ދާދި ދެންމެއެވެ.
އަދީބު ވިދާޅުވީ، 2015 ވަނަ އަހަރު އެއްވެސް ކެމްޕޭނެއް ކުރިއަށް ނުދާ ކަމަށާއި، އިންތިޚާބެއް ބޯމަތިވެފައި ނެތްކަމަށެވެ. އަދި ޕާޓީގެ ކެމްޕޭނަށް ފައިސާ ލިބެނީ އިންތިޚާބުތަކާ ދިމާކޮށް ސިޔާސަތުތައް ވިއްކައިގެން ކަމަށްވީއިރު، 2015 ވަނަ އަހަރުގެ ތެރޭގައި ޕާޓީގެ ފައިސާ ނުހުންނާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
2015 ވަނަ އަހަރުގެ ތެރޭގައި ކެމްޕޭން ފައިސާ ހޯއްދަވަން ރައީސް ޔާމީން ނުގުޅުއްވާ ކަމަށާއި، ނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާގެ ކަންކަމުގައި ރައީސް ޔާމީން ވަރަށް ގިނައިން ގުޅުއްވާ ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބު ވިދާޅުވީ، ރައީސް ޔާމީން އެންމެ ގިނައިން ގުޅުއްވީ ފަޅަކާއި، ބޮޑުމުލާގެ ކަންތައްތަކުގައި ކަމަށާއި، އެގޮތަށް ގުޅުއްވާފައިވަނީ އެތަންތަނުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ކަންކަމާއި، އިކުއިޝަން ކޯސްޓުގެ ފައިސާގެ ކަންކަމުގައި ކަމަށެވެ.
އަދީބު އިތުރަށް ވިދާޅުވީ، މިއަދު ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަނީ ދިވެހި ރައްޔިތުންގެ ހައްޤުގައި ތެދުބަހުން ކަމަށާއި، ހެކިބަހާއި ގުޅިގެން އިތުރު ހުކުމެއް އަޔަސް އެންމެ ރަނގަޅު ކަމަށެވެ.