ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅަށް އެސްއޯއެފްގެ މީހުން ގޮސް ރައީސް ޔާމީނަށް ފައިސާ ހަވާލުކުރިކަމަށް ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ދާދި ދެންމެއެވެ.
ރައީސް ޔާމީން: ހެކިވެރިޔާ (އަދީބު) ގެ ބަޔާނުގައި ވިދާވެފައި އެބަވޭ އެސްއޯއެފް ހިންގަނަ އުޅުނު އިސް ފަރާތްތަކަކީ ތިމަންނަގެ ރައްޓެހިންނޭ، މީގެ ތެރޭގައި ހިމެނެނީ މުޙައްމަދު އައްލާމްމެން ކަހަލަ މީހުންތީ؟ އަދި މިއާއެކި ތަކުރާރުކޮށް އެބަ ވިދާޅުވޭ އެ އިސްކޮށް އުޅުނު މީހުންނަކީ ރައީސް ޔާމީންގެ ރައްޓެހިންނޭވެސް.
ކުރީގެ ނައިބު ރައީސް އަދީބު: އާދެ، ރައީސް ޔާމީނާވެސް އިވެންޓްތަކުން ދިމާވެފައި ހުންނާނެ. ރައީސް ޔާމީންވެސް މުއާމަލާތް ކުރައްވާފައި އެބަހުރި އެބޭފުޅުންނާ ބައެއް ފަހަރު. އެ ހެކިތައްވެސް އެބަހުރި ފުލުހުންނަށް ހުށަހަޅާފައި. އަދި އަޅުގަނޑުގެ ފޯނުގައި ހުރި މަޢުލޫމާތުގައިވެސް ރައީސް ޔާމީން އެބަހުރި ވަރަށް ގިނައިން އެފައިސާއާއި އަދި ހަމަ ރަށްތަކާ ގުޅޭގޮތުން އައްސަވާފައި. އެހެންކަމުން ރައީސް ޔާމީނާ އެބޭފުޅުންނާވެސް ވަރަށް ބޮޑަށް ގުޅުން އެބައޮތް.
ރައީސް ޔާމީން: ތިއީ ތިބޭފުޅާގެ އަމިއްލަ ޖަޖްމެންޓެއް ދެއްތޯ. ތިމަންނަގެ ރައްޓެހިން އެސްއޯއެފްގައި ތިބިގޮތަށް ރައީސް ޔާމީންގެ ރައްޓެހިން އެެސްއޯއެފްގައި ތިބިކަަމަށް. އެކަމަކު ރައީސް ޔާމީނާ އެމީހުނާ ރައްޓެހިކަމަށް ކަނޑައަޅުއްވަނީ ކޮން އުޞޫލަކުންތޯ؟
ކުރީގެ ނައިބު ރައީސް އަދީބު: ރައީސް ޔާމީންވެސް އެބޭފުޅުންނަނާ ކޮމިއުނިކޭޓް ކުރައްވާފައި އެބަހުރި. އަދި ރައީސް ޔާމީންގެ ގެކޮޅަށްވެސް އެބޭފުޅުން ފައިސާ ހިފައިގެން ގޮސްފައި އެބަހުރި ރައީސް ޔާމީންއާ ހަވާލުކުރައްވާފައި. އެހެންވީމާ އެގޮތުގެ މަތިން.
ރައީސް ޔާމީން: ތިހެން ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީމަ، ތިތަނުން އެއްވެސް މީހަކު ރައީސް ޔާމީންގެ ގެކޮޅަށް އައިސް ފައިސާ ހަވާލުކޮށްފައެއް ނުހުންނާނެ. ހެކިވެރިޔާ ހައްދަވަނީ ކަނޑައެޅިގެން ދޮގެއް.
މިއަދު ހެކިބަސްދެއްވަމުން އަދީބު އިތުރަށް ވިދާޅުވެފައިވަނީ، 2015 ވަނަ އަހަރުގެ ތެރޭގައި ކެމްޕޭނުގެ ފައިސާއެއް އެމަނިކުފާނުގެ އަތްޕުޅުގައި ނުހުންނާނެ ކަމަށާއި، ކެމްޕޭން ފައިސާއެއް ހޯއްދަވަން ރައީސް ޔާމީންވެސް އެއަހަރު ނުގުޅުއްވާ ކަމަށެވެ.
ނަމަވެސް، އެމްއެމްޕީއާރުސީގެ ފައިސާގެ ކަންކަމުގައި ވަރަށް ގިނައިން ރައީސް ޔާމީން ގުޅުއްވާ ކަމަށާއި، ޚާއްޞަކޮށް އެންމެ ގިނައިން ގުޅުއްވާ ފަޅަކާއި، ބޮޑުމުލާގެ ކަންކަމުގައި ކަމަށްވެސް އަދީބު ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ހެކިބަސް ދެއްވަމުން ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް އޭސީސީގެ ރައީސް މުއައްވިޒް ރަޝީދު އަދި އަޙްމަދު އަދީބުގެ ހެކިބަސް ނަގާ ނިމިފައިވާއިރު، މިއަދު މެންފުރުފަހު އިތުރު ފަރާތްތަކުގެ ހެކިބަސް ނެގުމަށް ވަނީ ތާވަލުކޮށްފައެވެ.