މާރިޔާގެ އިތުބާރު އެބައޮތް، މައްސަލަ ފެއިލް ކޮށްލާނަން: ރިޔާޒު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވިޔަސް ފެއިލްކޮށްލައްވާނެ ކަމަށް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މި ފެށޭ ހަފްތާގައި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް އިދިކޮޅު ދެ ޕާޓީ ކަމަށްވާ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އިން މިއަދު ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުބާރު ގެއްލޭފަދަ ކަމެއް މާރިޔާ ކުރައްވާފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އަދި މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި ނަމަވެސް އެ މައްސަލައެއް ފެއިލްކޮށްލައްވާނެ ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"މި ގައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފަ ނޫނީ އިންޒާރު ދީފައި ދެން އެހެން ނުތިބެވޭނެ. އެހެންވީމަ ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ އިސްނަގައިގެން މިހާރު މި ވައްދަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާތެރޭ އަޅުގަނޑުމެން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން" ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ