ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ މާލެ، ވ.ރާހި، މުޙައްމަދު ބާޤިރު (48އ) އާއި ވ. ހިޖުރަ ހުޅަނގުބައި، މުޙައްމަދު ރަޝީދު (27އ) އެވެ.
މުޙައްމަދު ބާޤިރު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 26 ވަނަ ދުވަހުގެ 09:45 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މުޙައްމަދު ރަޝީދު ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޙުކުމް ތަންފީޒްކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރެވިފައި ނުވާތީ ބަންދުގައި ބަހައްޓައިގެން އޮގަސްޓް 25 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާއި ގުޅިގެންނެވެ.
މިދެމީހުންނާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން މަށް ފުލުހުން ވަނީ އެދިފައެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.



