މުޒާހަރާތަކާއި ގުޅިގެން އިންޑޮނޭޝިއާގެ ވެސްޓް ޕަޕުއާއިން އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލައިފި

އިންޑަނޭޝިއާގެ ވެސްޓް ޕަޕުއާގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ އެސަރަހައްދުން އިންޓަރނެޓްގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

އިންޑޮނޭޝިއާގެ އިންފޮމޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ ވެސްޓް ޕަޕުއާގައި ކުރަމުންދާ މުޒާހަރާތައް ކޮންޓްރޯލްކޮށް އެސަރަހައްދުގައި އަމާންކަން ގާއިމް ކުރުމަށް ސަލާމަތީ ބާރުތަކަށް އެހީތެރިވުމުގެ ގޮތުން އެސަރަހައްދުން އިންޓަރނެޓްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފައި ވާކަމަށެވެ.

ވެސްޓް ޕަޕުއާގައި މުޒާހަރާތައް ފެށިގެން ގޮސްފައިވަނީ އިންޑޮނޭޝިޔާގެ ޖާވާގައި ކިޔަވަމުންދާ ވެސްޓް ޕަޕުއާގެ ދަރިވަރުންތަކަކަށް ފުލުހުން އިހާނެތިކޮށް ހިތި ކަމަށް ބުނެ އެވެ. ނަމަވެސް އިންޑޮނޭޝިޔާގެ ފުލުހުން ބުނެފައިވަނީ އެދަރިވަރުން ފުލުހުން ހައްޔަރުކޮށްފައިވަނީ އެދަރިވަރުންގެ ރައްކާތެރި ކަމަށް ކަަމަށެވެ. އަދި ހަމަ އެދުވަހު ދަރިވަރުންތައް ދޫކޮށްލައިފައި ވާކަމަށެވެ.

ވެސްޓް ޕަޕުއާއަށް ނިސްބަތްވާ ދަރިވަރުންތަކެއް ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑޮނޭޝިއާ ދިދައިގެ ހުރުމަތް ކެނޑިކަމަށް ބުނެ އެދަރިވަރުން ދިރިއުޅެމުން ދިޔަ އިމާރާތް ކައިރިއަށް ބަޔަކު އެއްވެ ނުރުހުން ފާޅު ކުރަން ފެށުމުންނެވެ.

އިންޑޮނޭޝިއާގެ އިންފޮމޭޝަން މިނިސްޓަރ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ހަމައެކަނި ކަނޑާލެވިފައިވަނީ އިންޓަރނެޓް ޑޭޓާގެ ހިދުމަތް އެކަނި ކަމަށާއި ކުރިއެކޭ އެއްގޮތަށް ޓެލެފޯނުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ