އަންހެނުންނާއި ފިރިހެނުން ޝަރުޢީ ހަމަތަކުގެ މަތިން އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ މުޤައްދަސް ގުޅުމުން، ގުޅުން އިސްލާމްދީން ވަނީ ހުއްދަ ކުރައްވާފައެވެ. މިއާ ޚިލާފަށް އެއްޖިންސުން ދެމީހުން މިފަދަ ނަމަކުން ގުޅުމަކީ އިސްލާމްދީން ހަރާމް ކުރަސްވާފައިވާ ކަމެކެވެ. އެއީ އެންމެ ބޮޑެތި ފާފަ ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސަލާމްލެއްވި ލޫޠުގެފާނުގެ ޤައުމުގެ މީހުން ހަލާކު ކުރެއްވީ އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންނެވެ. ލޫޠުގެފާނުގެ ޤައުމުގެ މީހުން ވަނީ އޭގެ ކުރިން ޢާލަމްގެ ތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު އާދެ އެއްޖިންސުން ގުޅުން ހިންގާފައެވެ. އެބައިމީހުން ޝަޙުވާނީ ގޮތުން އަންހެނުން ދޫކޮށް ފިރިހެންނާ ގާތްވިއެވެ. އެބައިމީހުންނީ ފާފަ ކުރުމުގައި ޙައްދުފަހަނަ އަޅާފައިވާ ބައެކެވެ.
ލޫޠުގެފާނުގެ ޤައުމުގެ މީހުންގެ މި މުޑުދާރު ފާޙިޝް އަމަލުގެ ސަބަބުން ﷲ ގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވިއެވެ. އަލިފާނުން ދޮންވެފައިހުރި ގިނިހިލައިގެ ވާރެއެއް އެމީހުންގެ މައްޗަށް ވެއްސަވައި، އެމީހުން ދިރިއުޅުނު ރަށް ސަމޫދު ބަންޑުންޖެއްސެވިއެވެ. ހަލާކު ކުރެއްވި މީހުންގެ ތެރޭގައި ލޫޠުގެފާނުގެ އަނބިކަނބަލުންވެސް ވިއެވެ. އަދި އަންނަން އޮތް ޖީލުތަކަށް އިބުރަތެއްކަމުގައި މިކަން ލެއްވެވިއެވެ.
ލޫޠުގެފާނުގެ ޤައުމު އޮތީ ޖޯޑުންއާއި ފަލަސްޠީނާ ދެމެދުގައެވެ. އެބައިމީހުންގެ މައްޗަށް ފޮނުއްވި ކޯފާގެ ސަބަބުން މިހާރު އެތަނުގައި އޮތީ ލޮނުގަދަ ޑެޑްސީ އޭ ކިޔާ ކަނޑެކެވެ.
ބައެއް މީހުން އެމީހުންނަށް މާތްﷲ ދެއްވާފައިވާ ބުއްދީގެ ބޭނުން ނުހިފައި ޝަހުވަތުގެ އޮޑިދީލައިލަނީ ވިސްނުމެއް ފިކުރެއްނެތިއެވެ. ޖަނާވާރުންވެސް ނޫޅޭހާ ހުތުރު ގޮތްތަކަށް އުޅެނީ އެކަމުން ލިބިދާނެ އެއްވެސް ގެއްލުމަކަށް ވިސްނާލުމެއް ނެތިއެވެ. އެބައި މީހުންނަކީ ޖަނަވާރުންނަށް ވުރެވެސް ދަށު ދަރަޖައިގެ ބައެކެވެ.
ރަސޫލުﷲ صلى اللّه عليه وسلم ވަނީ މި އުންމަތަށް މިފަދަ މުޞީބާތެއް އަތުވެދާނެތީ ޖެހިލުންވެ ވަޑައިގެންފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. "ތިމަންކަލޭގެފާނުގެ އުންމަތާމެދު އެންމެ ބިރުފުޅުގެން ވަޑައިގަންނަވާ ކަމަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ޢަމަލު ކޮށްފާނެތީއެވެ."
މިނުބައި ހުތުރުކަން ބޮޑު ފާފައަށް އެންމެ ފުރަތަމަ އަރައިގަތް ބަޔަކީ ލޫޠުގެފާނުގެ ޤައުމުގެ މީހުންނެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ފާޙިޝް ޢަމަލު ވަނީ އާންމުވެފައެވެ. ބައެއް ޤައުމުތަކުގައި އެއްޖިންސުން ކައިވެނި ކުރުން ވަނީ ހުއްދަކޮށްފައެވެ. އަދި ބޮޑެތި ޖަމާޢަތްތަކުން ދަނީ މި ހުތުރުކަން ބޮޑު ޢަމަލަށް އަރައިގަތުމުގެ މިނިވަން ކަމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މުޅި ދުނިޔެއަށް ފާޅުކަން ބޮޑު ގޮތެއްގައެވެ.
ހިތާމައަކީ ދިވެހިންވެސް މި ނުބައި އަމަލުގެ ޝިކާރައަކަށް ވެފައިވާ ކަމެވެ. ދާދީ ފަހުން އަޅުގަނޑުމެންނަށް އަޑު އިވިގެން ދިޔައީ ދިވެހި ފިހިހެނަކު އެއްޖިންސުން ކައިވެނި ކުރިއަޑެވެ. މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގުމުގެ އެތައް މައްސަލައެއް މި މުޖުތަމަޢުގައިވެސް ހިނގާފައިވާކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ.



